05 އޯގަސްޓް 2021 - 11:52

މެންޗެސްޓާ (އޯގަސްޓް 5) - އަންނަ ހޮނިހިރު ދުވަހު ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން، އެސްޓަން ވިލާގެ މިޑްފީލްޑަރު ޖެކް ގްރިލީޝް ގެންދަން މެންޗެސްޓާ ސިޓީން ވިއްދައިފި އެވެ.
ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން، އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު ގެނައުމަށް ސިޓީން ވަނީ، ވިލާ އަށް 138 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ. އަދި އެ އަގާ މެދު ވިލާ އިން ވެސް އެއްބަސްވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އެ އަގުގައި ކްލަބު ބަދަލުކޮށްފި ނަމަ އޭނާ ވެގެންދާނީ އިންގްލެންޑްގެ ކުޅުންތެރިންގެ ތެރެއިން އެންމެ އަގުބޮޑުކޮށް ކްލަބު ބަދަލު ކުރާ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ކްލަބު ބަދަލުކުރީ ލެސްޓާ ސިޓީން 2019 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ހެރީ މެގްއާ އެވެ. އޭނާގެ ޓްރާންސްފާ އަށް 111 މިލިއަން ޑޮލަރު ޔުނައިޓެޑުން ހޭދަކުރި އެވެ.
ވިލާއާ އެކު ގްރިލީޝް، 25، ފަސް އަހަރުގެ އާ އެއްބަސްވުމެއް ހެދީ މިދިޔަ އަހަރު އެވެ. ނަމަވެސް އޭނާ ވެސް މިހާރު ބޭނުން ވަނީ ސިޓީ އަށް ބަދަލު ވާށެވެ. ހޮނިހިރު ދުވަހުގެ ކުރިން ގްރިލީޝްގެ ޓްރާންސްފާ ފައިނަލް ކުރަން ސިޓީން ބޭނުންވެ އެވެ.
އިންގްލެންޑްގެ ޑޮމެސްޓިކް ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ހޮނިހިރު ދުވަހު ސިޓީ ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. މެޗު އޮންނާނީ އެ ދުވަހު ރާއްޖޭ ގަޑިން ރޭގަނޑު 9:15 ގަ އެވެ.
ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މި ސީޒަންގައި ގެންދަން ބޭނުންވާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ ގްރިލީޝް އެވެ. އިނގިރޭސި ޑޮމެސްޓިކް ތިން މުބާރާތާ އެކު ޗެމްޕިއަންސް ލީގު ހޯދުމަކީ އަންނަ ސީޒަންގައި ގާޑިއޯލާގެ އެންމެ ބޮޑު ޓާގެޓެވެ.
ސިޓީ އަށް ގެންދަން ގާޑިއޯލާ ބޭނުންވާ އަނެއް ކުޅުންތެރިޔަކީ، އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. އޭނާ ވެސް ހުރީ ކްލަބު ބަދަލުކުރަން ބޭނުންވެފަ އެވެ. ސްޕާސްގެ އާ ކޯޗް ނޫނޯ ވެސް ވަނީ ކޭންގެ ކަންކަން ކޮންމެވެސް އެއްގޮތަކަށް އަވަހަށް ހަމަޖެއްސުމަށް ކްލަބަށް އަންގައިފަ އެވެ.