އެފްއޭއެމްގެ ފެހި ދަނޑުން ވިލިމާލެ އަށް އިތުރު ހިތްގައިމުކަމެއް
އެފްއޭއެމްގެ ފެހި ދަނޑުން ވިލިމާލެ އަށް އިތުރު ހިތްގައިމުކަމެއް

އެފްއޭއެމުން ވިލިމާލޭގައި ހަދަމުންދާ، ފުޓްބޯޅަ ދަނޑުގެ ޓާފް އަޅައި ނިންމައިފި އެވެ.

މަތީގައި އެ ވަނީ، ވިލިމާލޭގެ ފުޓްބޯޅަ ދަނޑުގެ އޭރިއަލް ފޮޓޯ އެކެވެ. ފެހި ދަނޑުން، މާލޭގެ ފަސް ވަނަ އަވަށުގެ ގޮތުގައި ވަކިން އޮންނަ އެ ރަށަށް އިތުރު ހިތްގައިމު ކަމެއް ގެނެސްދެ އެވެ.

ބޯ ހިރަފުހާއި ވާރޭ ވެހޭ ދުވަސްވަރެއް ނަމަ ޗަކަ ގަނޑުގައި ކުޅުނު ދަނޑަށް ގަދަ ފެއްސާއި މަޑު ފެހި ރޮނގުތަކުން ރީތިކަން ގެނެސް ދިނީ، ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުނިންނެވެ. ރާއްޖެގެ އެކި ކަންކޮޅުތަކުގައި 20 ދަނޑު އެޅުމަށް އެފްއޭއެމުން އެ ކުންފުންޏާ އެކު އެއްބަސްވުން ހެދީ 2019 ގަ އެވެ. އެ 20 ދަނޑުގެ ތެރެއިން ތިން ދަނޑު އަޅާނީ ގްރޭޓާ މާލޭ އޭރިއާގަ އެވެ. ވިލިމާލޭގައި މަސައްކަތް ކުރިއަށް ގެންދާ އެ ދަނޑަކީީ އޭގެ ތެރެއިން އެއް ދަނޑެވެ.

ވިލިމާލޭ ދަނޑުގެ މަސައްކަތް ނިމޭނެ ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވި ތާރީހަށް މަސައްކަތް ނުނިމުނެވެ. މެއި 6 ވަނަ ދުވަހަށް ނިންމަން ވިދާޅުވި ދަނޑުގެ މަސައްކަތް އެ ތާރީހަށް ނުނިމުނަސް މިހާރު ދަނޑުގައި ޓްފާ އެޅުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

އެފްއޭއެމްގެ އޮފީސް ކުރިން ހިންގި އިމާރާތް ހުންނަ ބިމުގައި ހަދާ 20 ފަންގިފިލާގެ އިމާރާތް ވެސް ހަދަނީ ސްކައި ވިންޑް ގްލޯބަލް ކުންފުނިންނެވެ. އެ ކުންފުނިން މާލޭގައި އަޅާ އަނެއް ދެ ދަނޑު އަޅާނީ، ހުޅުމާލޭގައި ގާއިމުކުރާ ގައުމީ ފުޓްބޯޅަ ސްކޫލްގަޔާއި މާފަންނު ސްޓޭޑިއަމްގަ އެވެ.

އެ ކުންފުނިން އަޅައިދޭ ދަނޑުތަކުގެ ތެރެއިން 16 ދަނޑު އަޅާނީ އެކި ރަށް ރަށުގަ އެވެ. އެ ރަށްތަކަކީ ހއ. ކެލާ، ށ. ކޮމަންޑޫ، ބ. ކަމަދޫ، ރ. އިނގުރައިދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް އދ. ދަނގަތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާގަ އެވެ.

ވިލިމާލޭގެ ފުޓްބޯޅަ ދަނޑަކީ، މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ތައާރަފް ކުރުމަށް ފަހު ލީގު މެޗުތައް ކުޅޭނެ އެއް ދަނޑެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭއިރު މާލެ އަށް ނިސްބަތްވާ ޓީމުތަކުގެ ހޯމް މެޗުތައް އެއް ވަގުތެއްގައި ދިމާވެއްޖަ ނަމަ ވިލިމާލޭ ދަނޑުގައި ވެސް މެޗުތައް ކުޅޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެ ދަނޑު ބޮޑަށް ބޭނުން ކުރާނީ ކަލްބުތަކުގެ ޕްރެކްޓިސް ކުރިއަށް ގެންދިއުމަށެވެ.