05 އޯގަސްޓް 2021 - 10:19

ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާ އިން ފެންޓަސީ ޕްރިމިއާ ލީގެއް ފަށައިފި އެވެ.
"ވެލިގާ އެފްޕީއެލް 2021/22" ގެ ނަމުގައި ކުރިޔަށްގެންދާ މި ލީގަކީ ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ ލީގެކެވެ.
މި ލީގުގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް ލީގު ކޯޑު، 4urvnt ބޭނުން ކޮށްގެން ބައިވެރިވެވޭނެ އެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، ލީގުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ލީގު ކުރިއަށްދާ މުއްދަތުގައި ކޮންމެ މަހަކު އެއްވަނަ އަށް ހޮވޭ މެނޭޖަރަކަށް އޮރިޖިނަލް ޖާޒީއަކާއި ގިފްޓް ހެމްޕަރެއް ލިބޭނެ އެވެ. އަދި މުޅި މުބާރާތުން އެއް ވަނައަށް ހޮވޭ މީހަކަށް 30,000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު ދެ ވަނައަށް 20,000ރ. އަދި ތިން ވަނަ އަށް ޕްލޭސްޓޭޝަން ފަހެއް ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން، އިތުރު 10 މީހަކަށް އޮރިޖިނަލް ޖާޒީއަކާއި 2,000ރ. ފައިސާގެ އިނާމް ލިބޭނެ ކަމަށް ވެލިގާއިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި ޕްރިމިއާ ލީގާއި ދިމާކޮށް މި މުބާރާތް ބާއްވަން ނިންމީ ފެންޓަސީ ޕްރިމިއާ ލީގަކީ ގިނަ ދިވެހިން އަދި ވެލިގާ ހާޑްވެއާގެ ގިނަ ކަސްޓަމަރުންގެ މެދުގައި މަގުބޫލް މުބާރާތަކަށް ވާތީ އެވެ. މި މުބާރާތުގެ ސަބަބުން ކަސްޓަމަރުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ކަމަށް ވެލިގާއިން ބުންޏެވެ.