ޖާބިރު މަޖިލީހުގެ ބޭރުގައި އަޑުގަދަކުރެއްވީ މަޖިލީހުގެ މުވައްޒަފުންނަށް ފުރައްސާރަކުރުމަށް ފަހު
ޖާބިރު މަޖިލީހުގެ ބޭރުގައި އަޑުގަދަކުރެއްވީ މަޖިލީހުގެ މުވައްޒަފުންނަށް ފުރައްސާރަކުރުމަށް ފަހު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ މެންދުރު މަޖިލީހުގެ އިދާރާގެ ބޭރުގައި އޮންނަވައި އަޑުގަދަކުރެއްވީ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެން އިދާރީ މުވައްޒަފުންނަށް ފުރައްސާރަ ކުރުމަށްފަހުގައިކަން އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ ޖާބިރު މަޖިލީހަށް ވަޑައިގެން އެތަނުގައި އިދާރީ މުވައްޒަފުން މަސައްކަތްކުރާ ސަރަހައްދުގައި މުވައްޒަފުންނަށް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުރައްސާރަކުރި އެވެ.

މަޖިލީހުގެ އިދާރާ ތެރެއިން ކޮޓަރިތަކަށް ވަދެ އެތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށާއި އޭނާއާ ދިމާވި އެތައް ބަޔަކަށް ހުތުރު ބަހުން ފުރައްސާރަ ކުރި އެވެ.

"ޖާބިރު އުޅުއްވި ގޮތުން ބައެއް މުވައްޒަފުން ބިރުން ރޮއެ ކޮޓަރި ތަޅުލައިގެން ވެސް ތިބި،" އެ ވަގުތު ޢެ ތަނުގައި ހުރި މަޖިލީހުގެ މުވައްޒަފަކު ބުންޏެވެ.

މަޖިލީހުގެ އިދާރީ ބަޔަށް ވަދެ ވަޑައިގެން އޭނާ މުވައްޒަފުންނަށް ފުރައްސާރަ ކުރި ސަބަބެއް ނޭނގެ އެވެ. ނަމަވެސް، އޭނާ މީޑިއާގައި ވިދާޅުވީ މަޖިލީހަށް ވަޑައިގަތީ އޮފީހުގައި ހުރި ލިޔުންތަކެއް ބަލާ ކަމަށެވެ.

މަޖިލީހުގެ އަމީންއާމް ފާތިމަތު ނިއުޝާ ވަނީ ޖާބިރު މަޖިލީހުގެ އިދާރާ ތެރޭގައި އިދާރީ މުވައްޒަފުންނަށް ހަޑިހުތުރުބަހުން މުއާމަލާތުކޮށް ފުރައްސާރަ ކުރިކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ، އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޖާބިރު މީޑިއާގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މުވައްޒަފަކު އޭނާއާ ދިމާލަށް އިއްޔެ "ލޮލީ ޖާބިރު"އޭ ގޮވި ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ އެއްވެސް މުވައްޒަފަކު ޖާބިރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.

މިއަދު ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ އަށް ވަޑައިގެން އެތަނުގެ ބައެއް އެއްޗިއްސަށް ވެސް ގެއްލުންދެއްވައިފަ އެވެ.

ޖާބިރު ވިދާޅުވާ ގޮތުގައި މައުމޫން ވަނީ އޭނާ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނަކަށް އެ ގެ ރަހުނު ކޮށްފަ އެވެ. އޭނާ މިއަދު އެ ގޭ ދޮށަށް ވަޑައިގަތީ އެ ފައިސާ ދައްކާފައި ނުވާ ކަމަށް ވިދާޅުވެ ގެއާ ހަވާލުވާށެވެ.

ނަމަވެސް، ޖާބިރު ދެއްވި ކަމަށް ބުނާ ލޯނުގެ މައްސަލައިގައި އޭނާ ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ދައުވާ ސާބިތު ނުވާ ކަމަށެވެ.