04 އޯގަސްޓް 2021 - 17:03

ލުބުނާންގެ ތެރެއިން އިޒްރޭލަށް މިއަދު މެންދުރު ފަހު ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް، އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ލުބުނާންގެ ތެރެއިން އިޒްރޭލަށް އަމާޒުކޮށް މިއަދު މެންދުރު ފަހު ފޮނުވައިލީ ތިން ރޮކެޓެކެވެ. އޭގެ ތެރެއިން އެއް ރޮކެޓް ވަނީ ލުބުނާންގެ އިން ހުރަސްކޮށް އިޒްރޭލަށް ފޯރުމުގެ ކުރިން ލުބުނާންގެ ތެރެއަށް ވެއްޓިފަ އެވެ. އަނެއް ދެ ރޮކެޓް ވެއްޓުނީ، އިޒްރޭލުގެ އިމުގެ ތެރެއަށް، ނަމަވެސް މީހުން ނޫޅޭ ފަޅު ސަރަހައްދަކަށެވެ.
ލުބުނާންގެ ތެރެއިން އައި މި ހަމަލާތަކާ ގުޅިގެން، އެ ރޮކެޓްތައް އުދުއްސައިލި ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ވަނީ ބޮޑުބަޑިން ހަމަލާ ދީ އެ ތަންތަން ގޮއްވާލައިފަ އެވެ.
ލުބުނާންގެ ދެކުނު ފަޅީގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ތިން ފަހަރެއްގެ މަތިން، އިޒްރޭލުގެ އަސްކަރިއްޔާ އިން އަޅާ ނުރައްކަލުގެ ބަރުގޮނުގެ އަޑު ވަރަށް ގަދައަށް އިވުނެވެ. ނަމަވެސް އެއީ ލުބުނާންގެ ތެރެއިން ރޮކެޓް ހަމަލާތަކެއް ދީގެން، އެޅި ބަރުގޮނުގެ އަޑުތަކެއް ކަށަވަރު ނުވާ ކަމަށް އެމީހުން ބުނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މިއަދު ދިން ރޮކެޓް ހަމަލާތަކުގައި އިޒްރޭލުގެ އެއްވެސް މީހަކަށްވެސް އަދި އެއްވެސް މުދަލަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ. އެހެން ނަމަވެސް ދެ ރޮކެޓް ވެއްޓުނު ސަރަހައްދުގައި ހުރި ގަސްތަކެއްގައި ރޯވި ކަމަށްވެ އެވެ.
ލުބުނާންގެ ތެރެއިން އާންމު ގޮތެއްގައި އިޒްރޭލަށް ހަމަލާ ދެނީ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. ނަމަވެސް މިއަދު ދިން ރޮކެޓް ހަމަލާތަކާ ގުޅޭ ގޮތުން އެ ޖަމާއަތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
މިއަދަކީ، މީގެ އެއް އަހަރު ކުރިން ލުބުނާންގެ ވެރިރަށް ބައިރޫތުގެ ކަނޑުގެ ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވި ހާދިސާ އަށް އެއް އަހަރު ފުރުމުގެ ގޮތުން، ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެކެވެ. ބައިރޫތުގެ ކަނޑުގެ ބަނދަރުގައި އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަން ގޮވުމުގެ އެ ހާދިސާގައި، 190 އަށް ވުރެ ގިނަ މީހުން މަރުވެ، 6000 އެއްހާ މީހުން ޒަހަމްވި އެވެ.
އެ މައްސަލަ ތަހުގީގުކޮށް ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގުން ލަސްވާ ކަމަށް ބުނެ، އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ މީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.