04 އޯގަސްޓް 2021 - 17:04

އެމިރޭޓްސް ކައިރިން ދަތުރު ކުރަނިކޮށް ބަޔަކު މީހުން ހަތިޔާރާ އެކު އަރައި ހިފެހެއްޓި، ތެޔޮ އުފުލާ އާގުބޯޓު އަސްފަލްތު ޕްރިންސެސް އިން އެމީހުން ފައިބައި ބޯޓު ދޫކޮށްލާފައިވާ ކަމަށް، އިނގިރޭސި ކަނޑުގެ ސިފައިން ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ކަނޑުދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ޖަމިއްޔާ އިން ބުނި ގޮތުގައި ބޯޓަށް އެރި މީހުން ބޯޓު ދޫކޮށްލައި ބޯޓުން ފޭބީ، ޖީއެމްޓީން ރޭ ދަންވަރު ދޭއް ޖަހާކަށްހާއިރެވެ. އަދި އެ ބޯޓުން ލިބޭ މައުލޫމާތަށް ބަލާއިރު މިހާރު އެ ހާދިސާ ނިމި، ބޯޓު ސަލާމަތްތެރިކަމާ އެކު މިހާރު އޮމާންއަށް ދަތުރުކުރަމުން ދާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެމިރޭޓްސްއާ ކައިރިން ގަލްފުން ދަތުރުކުރަމުން ދިޔަ އަސްފަލްތު ޕްރިންސެސް އަށް، ހަތިޔާރު ހިފައިގެން ތިބި ބަޔަކު އެރީ އިއްޔެގެ ވަގުތެއްގަ އެވެ. ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ ބޯޓަށް އެރީ، އީރާނުގެ މަދަދު ލިބިގެން ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްގެ ބައެކެވެ.
ނަމަވެސް އީރާނުން ވަނީ އެ ހާދިސާއާ އީރާނާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. ޕެނަމާ ދިދައިގައި ދަތުރުކުރި އެ ބޯޓު ހިފެއްޓި އިރު، ބޯޓު ދަތުރުކުރަމުން ދިޔައީ، އެމިރޭޓްސްގެ ޚޫރްފަކާން އިން މުދާ ބަރުކޮށްގެން އުމާންގެ ސަހާރް އަށެވެ.
މިހާދިސާގެ އިތުރުން ވެސް، އިތުރު ފަސް އާގުބޯޓަކަށް ގަލްފުގެ ތެރެއިން އިއްޔެ ހުރަސްތަކެއް ކުރިމަތިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، އީރާނާއި އެމިރޭޓްސްއާ ދެމެދު ކަނޑުގެ ސަރަހައްދުން އިއްޔެ ދަތުރުކުރި ފަސް އާގުބޯޓަކުން، "ކޮމާންޑް ކަމުގެ ދަށަކު ނޫން" ކަމުގެ ސިގްނަލް ލިބިފައިވާ ކަމަށްވެ އެވެ.
އާގުބޯޓު ފަހަރުން އެ ސިގްނަލް އޮޓަމެޓިކުން ފޮނުވަނީ، އާދަޔާ ހިލާފު ހާލަތެއް މެދުވެރިވެގެން، އާންމު އުސޫލުން ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވުމުންނެވެ.
އިޒްރޭލުގެ ކުންފުންޏަކުން ދުއްވާ އާގުބޯޓެއް، މިދިޔަ ހަފުތާގައި އެމިރޭޓްސް ކައިރިން ދަތުރު ކުރަނިކޮށް، ބަޔަކު ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު މަރުވުމާ ގުޅިގެން، ގަލްފު ސަރަހައްދުގެ ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި ޑްރޯން ހަމަލާ ދިނީ އީރާނުން ކަމަށް އެމެރިކާ އާއި އިޒްރޭލު އަދި އިނގިރޭސި ވިލާތުން ތުހުމަތު ކުރުމާ ގުޅިގެން، އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ހަމަލާތަކެއް ބަދަލުކޮށްފާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
އެ ހާދިސާއާ ގުޅިގެން، އިނގިރޭސި ވިލާތާއި ލައިބީރިޔާ އަދި ރުމޭނިޔާ އިން ވަނީ، ތެޔޮ އުފުލާ އާގުބޯޓުތަކަށް އީރާނުން ޑްރޯން ހަމަލާތައް ދޭ ކަމަށް ބުނެ، އދ.ގެ ސަލާމަތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
ނަމަވެސް އީރާނުން ވަނީ، އެ ބޯޓަށް ދިން ޑްރޯން ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.