04 އޯގަސްޓް 2021 - 16:49

މޮރިޝަސްގެ އަގަލޭގާ ކިޔާ ރަށެއްގައި ސިއްރުން އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅަން ހަވާލުކޮށްފައި ވަނީ ރާއްޖޭގައި ވެސް މުހިންމު މަޝްރޫއުތަކެއް ހިންގާ އެފްކޮން ކުންފުނިންކަން އެނގިއްޖެ އެވެ.
ސެޓެލައިޓް ފޮޓޯތަކާއި މާލީ މުއާމަލާތްތައް ބެލުުމުގެ އިތުރުން އެހެން ގޮތްގޮތުން ހޯދާފައިވާ ހެކިތަކަށް ބިނާކޮށް "އަލް ޖަޒީރާ އިންވެސްޓިގޭޝަންސް"އިން ބުނެފައި ވަނީ އިންޑިއާއިން މޮރިޝަސްގެ އަގަލޭގާގައިއަސްކަރީ މަރުކަޒެއް ތަރައްގީކުރަމުންދާ ކަމަށާއި އެ މަރުކަޒު ބޭނުން ކުރާނީ އެ ގައުމުގެ މެރިޓައިމް ޕެޓްރޯލް މިޝަންތަކަށް ކަމަށެވެ.
އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އެ ބޭސް އެޅުމުގެ މަސައްކަތް ކުރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮން ކުންފުންޏާ އެވެ. އަދި އެއީ 250 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މި ކުންފުންޏަކީ ރާއްޖޭގައި ވެސް މުހިންމު މަޝްރޫއުތަކެއް ހިންގާ ކުންފުންޏެކެވެ.
އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާ، ބިން ހިއްކުމުގެ މަޝްރޫއު ވެސް ހަވާލު ކުރީ އެފްކޮންއާ އެވެ. އެއީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއު ވެސް ހަވާލުކުރަން ނިންމާފައި ވަނީ އެފްކޮން ކުންފުންޏާ އެވެ.
ބްރިިޖު އަޅަނީ އިންޑިއާގެ މާލީ އެހީގައި ކަމަށް ވާތީ އެ މަޝްރޫއަށް ކުރިމަތިލެވޭނީ އިންޑިއާ ކުންފުނިތަކަށް އެކަންޏެވެ. އެހެންވެ މަޝްރޫއު ހިންގަން ކުރިމަތިލުމަށް ހުޅުވާލީ އިންޑިއާގެ އެގްޒިމް ބޭންކުން ޕްރީކޮލިފައިވާ ކުންފުނިތަކަކެވެ. އޭގެ ތެރެއިން މަޝްރޫއު ކާމިޔާބުކުރީ އެފްކޮން އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއަން އެގްޒިމް ބޭންކާ އެކު ވެފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި ބްރިޖްގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމޭނެ އެވެ.
އަގަލޭގާގައި އިންޑިއާ އިން މި މަސައްކަތް ކުރަމުން ދަނީ އިންޑިއާ ސަރުކާރާއި މޮރިޝަސް ސަރުކާރާ ދެމެދު 2015 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ ދުރުގައި އޮންނަ ރަށްރަށާއި އެހެން ރަށްރަށް ގުޅާލުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމަށް އެހީވުމުގެ އެއްބަސްވުމެކެވެ.
މި މަސައްކަތްކުރަނީ އަގަލޭގާގައި އުޅޭ 300 މީހުންގެ ފައިދާއަށް ކަމަށް މޮރިޝަސްގެ ސަރުކާރުން ބުނި ނަމަވެސް، އަސްކަރީ ތަޖުރިބާ ހުރި ފަރާތްތަކާ ހަވާލާދީ އަލް ޖަޒީރާ އިން ބުނި ގޮތުގައި، އަސްކަރީ ބޭނުމަކަށް ނޫނީ އެ ސަރަހަައްދުގައި އެހާ ބޮޑު ހަރަދެއް ކޮށްގެން އެހާ ބޮޑު މަޝްރޫއެއް ނުހިންގާނެ އެވެ.
އެ ރަށުގައި ބޮޑު ދެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދެ އެވެ. އަދި ދުނިޔޭގެ ފެންވަރުން ބަލާއިރު ވެސް ދިގު، ތިން ކިލޯމީޓަރުގެ ރަންވޭއެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދެ އެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި އެގަލޭގާ ތަރައްގީކުރަން އިންޑިއާއިން ގެނައި އެތައް ސަތޭކަ އިންޑިއާއަށް ނިސްބަތްވާ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ވެސް އެ ރަށުގައި ދިރިއުޅެމުންދާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެ އެވެ.
އިންޑިއާއިން ބޭސްއެއް އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާއިން އިންޑިއާ ކަނޑުގައި ބާރާއި ނުފޫޒު ހޯދަން މަސައްކަތް ކުރާތީ ކަމަށް އަލްޖަޒީރާއިން ބުނެފައިވެ އެވެ.
މި ސަބަބުތަކާ ހެދި އަގަލޭގާގައި ދިރިއުޅޭ ބައެއް ރައްޔިތުން ވަނީ އެ މަޝްރޫއުގެ މަގުސަދާ މެދު ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންޑިއާ އިން ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުމަށް އަދި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމަށް ކަމަށް ބުނެ ސިފައިން ބައިތިއްބާތީ ދިވެހިން ވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި މުހިންމު ތަރައްގީގެ މަޝްރޫއުތައް ހިންގުން ފަދަ ކަންކަމަކީ އެ ގައުމުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން ކުރާ ކަންކަން ކަމަށް ވަނީ ތުުހުމަތު ކުރެވިފަ އެވެ. އެގޮތުން އައްޑޫ ޕްރޮޖެކްޓުތަކާއިި، ހަނިމާދޫ އެއާޕޯޓާއި އުތުރުތިލަފަޅު ވެސް ހިމެނެ އެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމުގެ ވާހަކަ ތިލަވުމުން އެ މައްސަލަ ވެސް ބޮޑުވި އެވެ. އަދި "އިންޑިއާއައުޓް"ގެ ނަމުގައި ރާއްޖޭގައި އެކަމާ ދެކޮޅަށް ކެމްޕޭން ވެސް ކުރެ އެވެ.