04 އޯގަސްޓް 2021 - 15:12

ކުއާލަ ލަމްޕޫރު (އޮގަސްޓް 4) - މެލޭޝިޔާގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް މެމްބަރުން، ސަރުކާރަށް ދެން ތާއީދު ނުކުރައްވާނެ ކަމަށް ބުނެފައިވާ އިރު، ވެރިކަން ކުރެވޭ ވަރުގެ ތާއީދު އަދިވެސް އެބައޮތް ކަމަށް، ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ މާޗް މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ސަރުކާރަށް ކުރިމަތިވާ ސިޔާސީ ފިއްތުން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އަދި ވެރިކަން ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން، ބޮޑުވަޒީރަށް ކުރާ ތާއީދު އަނބުރާ ގެންދާނެ ކަމަށް މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ އިންޒާރު ދީފަ އެވެ.
އެހެން ނަމަވެސް، ގައުމީ ޓީވީ މެދުވެރިކުރައްވައި މިއަދު ގައުމާ މުހާތަބު ކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 222 މެމްބަރުންގެ ތެރެއިން އަގުލަބިއްޔަތު އަދިވެސް އޮތީ އޭނާ އަށް ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމުގެ ގޮތުން، އޭނާގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ މައްސަލަ މި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އިތުބާރު އޮތްތޯ ބެލުމަށް، މިއަންނަ ސެޕްޓެމްބަރު މަހު، ގާނޫނު ހަދާ މަޖިލީހަށް ތާވަލު ކުރާނަން. މި މައްސަލަ ހުށަހެޅުމުން، އަޅުގަނޑަށް ލިބިފައި އޮތް ބޮޑުވަޒީރުކަމުގެ ގާނޫނީ ހައިސިއްޔަތު، އަދި ވެރިކަން ކުރަނީ ޕެރިކަޓަން ނޭސަނަލް (ޕީއެން ޕާޓީ) ކަން ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލުން ކަށަވަރުވެގެން ދާނެ،" ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރަށް ފާޑުކިޔާ ސިޔާސީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވެރިކަމުގައި ދެމިހުންނަވަނީ، ގައުމުގައި ފެތުރިފައި އޮތް ކޮވިޑް-19ގެ ވަބާ، އައްޑަނައަކަށް ހައްދަވައިގެންނެވެ. އަދި މިހާރު ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނެގިޔަސް، ބޮޑުވަޒީރަށް ތާއީދު ނެތްކަން އެނގިގެންދާނެ ކަމަށް އެ މީހުން ބުނެ އެވެ.
"ގާނޫނު ހަދާ މަޖިލީހުގައި އިތުބާރާއި ތާއީދު އޮތްކަން ކަށަވަރު ކުރަން ކޮންމެހެން އެއް މަސްދުވަސް ވަންދެން ހުންނާކަށް ނުޖެހޭނެ. އޭގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެމުން އެދަނީ ގައުމުގެ އިގްތިސާދަށް. ވިޔަފާރިތައް އެ ދަނީ ބަނގުރޫޓު ވަމުން. ގާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް، ވީއެންމެ އަވަހަކަށް ބާއްވަން ޖެހޭ،" ގާނޫނުއަސާސީގެ ތަޖުރިބާކާރެއް އަދި ގާނޫނީ ވަކީލެއް ކަމަށްވާ ނިއު ސިން ޔޫ ޓުވީޓާގައި އޭނާގެ ހިޔާލު ފާޅުކުރި އެވެ.
"ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރަށް ތާއީދު އޮތިއްޔާ، އެކަން ސާބިތު ކޮށްދެއްވަންވީ މިހާރު. އަހަރެމެން ގަބޫލުކުރާ ގޮތުގައި ޕީއެން ޕާޓީ މިހާރު އެ އޮތީ ފެއިލްވެފައި. ދެން އެންމެ ރަނގަޅުވާނީ ސަރުކާރު އިސްތިއުފާ ދިނިއްޔާ،" މެލޭޝިޔާގައި އެންމެ ފަހުން އުފެދުނު އެއް ސިޔާސީ ޕާޓީ ކަމަށްވާ މުޑާ އިން ނެރުނު ބަޔާނުގައިވެ އެވެ.
މެލޭޝިޔާގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، މެލޭޝިޔާގެ ރަސްގެފާނު ވަނީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ.
މިހާރު ވެސް 200،000 އަށް ވުރެ ގިނަ މީހުން އެނދުމަތި ކޮށްގެން، ކޮވިޑް ބައްޔަށް ފަރުވާ ދެމުން އަންނަ އިރު، މިދިޔަ ހޯމަ ދުވަހު އެކަނިވެސް، ކޮވިޑް ބަލީގައި 219 މީހަކު މަރުވި އެވެ.
ކޮވިޑް-19 ވަބާއާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، މި މަހުގެ ފުރަތަމަ ދުވަހު ހަމަވާން ކައިރިވެފައި ވަނިކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި ކަން، މިދިޔަ ހޮނިހިރު ދުވަހު ލޯ މިނިސްޓަރު އިއުލާން ކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ސިޔާސީ އިތުރު ފިއްތުންތަކެއް ބޮޑުވަޒީރަށް ކުރިމަތިވެފަ އެވެ.
ލޯ މިނިސްޓަރު އެކަން އިއުލާން ކުރެއްވީ، ރަސްގެފާނަށް އެނގިވަޑައިގަތުމަކާ ނުލައި ކަމަށްވާތީ، ޝާހީ ގަނޑުވަރުން ވަނީ މިނިސްޓަރުގެ އެ އަމަލު ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ރަސްގެފާނު ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އަލުން އިއުލާން ކުރެއްވީ ރަސްގެފާނުގެ ހުއްދަ ހޯއްދެވުމެއް ނެތި، އަދި ގާނޫނުއަސާސީއާ ވެސް ހިލާފަށެވެ.
ރަސްގެފާނުގެ ނުރުހުން ސަރުކާރަށް އަމާޒުވުމާ ގުޅިގެން، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އުމްނޯގެ ރައީސް އަހްމަދު ޒާހިދު ހަމީދީ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އުމްނޯ ޕާޓީގެ ބައެއް މެންބަރުން ވަނީ، ބޮޑުވަޒީރަށް ކުރާ ތާއީދު އަނބުރާ ގެންދަވާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ.
ސަރުކާރާ މެދު ޝާހީ ގަނޑުވަރުން ހިތްހަމަނުޖެހުމުން، އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް ގޮވާލައިފަ އެވެ.