04 އޯގަސްޓް 2021 - 17:01

އައްޑޫގައި ހުންނަ ހިރާ ސްކޫލުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފި އެވެ.
ސްކޫލުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފައިވާކަން ހާމަކޮށް އެ ސްކޫލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހިރާގައި ކިޔަަވާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލުން އަަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
ހިރާ ފައުންޑޭޝަންގެ އެކްސްކޯ މެމްބަރެއް ކަމަށްވާ ޝެއިހް އަނީލް ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ރާއްޖެއިން ދެވަނަ އަށް ހުރިހާ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ސްކޫލަކީ އެއީ ކަމަށެވެ. ހުރިހާ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ކުރި ފުރަތަމަ ސްކޫލަކީ ކޮބައިކަން ސާފެއް ނުވެ އެވެ.
އެ ސްކޫލުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރިއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަންގާރަ ދުވަހު ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަންވާނެ ކަމަށެވެ. އަދި މިވަގުތު ވެކްސިން ނުޖަހައި މުވައްޒަފުންނަށް ވެސް ވެކްސިން ޖެހުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށް ސްކޫލުތަކަށް މިނިސްޓްރީން އެންގި އެވެ.
އެގޮތަށް އެންގުމަށް ފަހު މިނިސްޓްރީން ފަހުން ކުރި އިއުލާނެއްގައި ވަނީ އަންނަ މަހުން ފެށިގެން ސްކޫލުތަކަށް ވަދެނުކުމެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ. އޭގެ ބޭނުމަކީ ކުދިންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމާއި ކޮވިޑުން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮވިޑާ ހެދި މިދިޔަ ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމާލީ މާލޭ ސަރަހައްދުގެ ގްރޭޑް ހަޔަކުން ދަރިވަރުންގެ ކިޔެވުން މުޅިންހެން އޮންލައިންކޮށް ކުރިއަށް ގެންގޮސްގެންނެވެ. ހާލަތަށް ބަލައި މަތީގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގެންގޮސްގެން ކިޔައިދޭން ފެށި ނަމަވެސް ދޭތެއަކުން ކޭސްތައް އިތުރުވެ، އަލުން ބަންދުކުރަން ޖެހުނެވެ.
އެކަމަކު މިވަގުތު ގިނަ ބަޔަކު ވެކްސިން ޖަހާފައިވާތީ އާއި ކޮވިޑްގެ ކޭސްތައް ވެސް ވަރަށް ބޮޑަށް ދަށްކުރެވިފައިވާތީ މިނިސްޓްރީންް ނިންމާފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ކޮވިޑް-19 ފެތުރުމުގެ ކުރިން ކަނޑައަޅާފައިވާ ވަގުތުތަކާ އެއްގޮތަށް ކިޔަވައިދިނުމަށެވެ.