އެޗްޑީއެފްސީއަށް ފައިދާގެ ގޮތުގައި 21.9 މިލިއަން ރުފިޔާ
އެޗްޑީއެފްސީއަށް ފައިދާގެ ގޮތުގައި 21.9 މިލިއަން ރުފިޔާ

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 21.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނީގެ މާލީ ރިޕޯޓުތައް ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު އެއް މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 23.3 މިލިއަން ރުފިޔާ އެވެ.

ފައިދާ ދަށްވި ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެޗްޑީއެފްސީން ވަނީ އާމްދަނީ އެއްވަރެއްގައި ހިފަހައްޓައިފަ އެވެ. އެގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރާއި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ 1.2 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ހިންގުމުގެ ހަރަދު ހުރީ ހަ ލައްކަ ރުފިޔާގަ އެވެ.

އެޗްޑީއެފްސީން އަންނަނީ ރާއްޖޭގައި ގެދޮރު އިމާރާތް ކުރުމަށް ވަކިވަކި ފަރުދުންނަށް ލޯނު ދޫކުރަމުންނެވެ. ބޭންކިން ޓާމުގައި ނަމަ އެއީ "އެންޑް ޔޫޒާ ފައިނޭންސިން" އެވެ.

އެ ކުންފުންޏަކީ ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ 18 ޕަސެންޓް ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ 18 ޕަސެންޓް ހިއްސާގެ އިތުރުން އެޗްޑީއެފްސީ އިންވެސްޓްމަންޓް، އިންޑިއާގެ 15 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.