އެސްޓީއޯ އިން ކޯނޭ އެސްކަލޭޓަރު ތައާރަފްކޮށްފި
އެސްޓީއޯ އިން ކޯނޭ އެސްކަލޭޓަރު ތައާރަފްކޮށްފި

ލިފްޓް އަދި އެސްކެލޭޓަރު މާކެޓުގައި ދުނިޔޭގެ އެންމެ މަގްބޫލު "ކޯނޭ" ލިފްޓް ރާއްޖޭގެ މާކެޓުގައި ބޮޑު މަގްބޫލުކަމެއް ހޯދުމަށްފަހު، އެ ބްރޭންޑުގެ އެސްކެލޭޓަރު ރާއްޖޭގެ މާކެޓަށް އެސްޓީއޯ އިން މިއަދު ތައާރަފުކޮށްފި އެވެ.

މި އެސްކަލޭޓަރު އެންމެ ފުރަތަމަ ހަރުކުރާނީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހަދާ އެސްޖޭ ޝޮޕިން މޯލްގަ އެވެ. އެސްޓީއޯ އިން އެސްކަލޭޓަރު ގެނެސް، އިންސްޓޯލް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާން އެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު ޝިހާދު އިބްރާހިމެވެ.

"ކޯނޭ" އެސްކެލޭޓަރަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި ފިންލޭންޑުގެ އުފެއްދުމެކެވެ. މިދިޔަ އަހަރު "ފޯބްސް" އިން ހޮވި އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި މި ބްރޭންޑް ވަނީ ހިމެނިފަ އެވެ. އަދި "ކޯނޭ" ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ރާއްޖޭގެ ގިނަ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެކެވެ.

މި އެސްކަލޭޓަރަކީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން، އެންޓި ރައިޑް/ އެންޓި ސާފް ބެރިޔަރު އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެއްކެވެ.

ގްރީން އެވޯޑްތަކެއް ހޯދާފައިވާ "ކޯނޭ" ބްރޭންޑަކީ، ހައި ސްޕީޑް މޯޓަރު ބޭނުންކޮށް ފުލް ސްޕީޑުގައި، ކަރަންޓް ބޭނުން ކުރެވޭ މިންވަރު ކުޑަ ކޮށްދޭ ބްރޭންޑެކެވެ. އަދި ލުބްރިކޭޝަން-ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިޚްތިޔާރު ލިބި، ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓަރު ސާފުކުރެވި، ފަސޭފަ އިން މެއިންޓެއިން ކުރުވޭނެ އެވެ.

ދެމެހެއްޓެނިވި ލެޑް ލައިޓުން 80 ޕަސެންޓްއާ ހަމައަށް ކަރަންޓް ހަރަދު ވެސް ކުޑަކޮށްދެ އެވެ. މީގެ އިތުރުން އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓަރު އޮޕަރޭޓްކުރެވުން ވެސް ހިމެނެ އެވެ.