އީރާންގެ އިންތިހާބީ ރައީސަށް ޚާމަނާއީ ރުހުން ދެއްވައިފި
އީރާންގެ އިންތިހާބީ ރައީސަށް ޚާމަނާއީ ރުހުން ދެއްވައިފި

އީރާންގެ ރައީސްކަމުގެ މަގާމާ މާދަމާ ހަވާލުވެވަޑައިގަންނަވާ، އިބްރާހީމް ރައީސީ އަށް، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ތާއީދު ކުރައްވައި ރުހުން ދެއްވައިފި އެވެ.

މިހާރު މަގާމުގައި ހުންނެވި ރައީސް ހަސަން ރޫހާނީގެ ވެރިކަމުގެ ދެ ދައުރު ހަމަވާނީ މާދަމާ އެވެ. އެއަށް ފަހު، ރޫހާނީ ލީޑަރުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވައި، އިންތިހާބީ ރައީސް އިބްރާހީމް ރައީސީ، އީރާންގެ ރައީސްގެ މަގާމާ މާދަމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެ އެވެ.

އިބްރާހީމް ރައީސީ އަށް ރުހުން ދެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޚާމަނާއީ އިލްތިމާސް ކުރެއްވީ، އީރާނުގެ ފަގީރު ރައްޔިތުން ބާރުވެރިކޮށް، ގައުމުގެ ފައިސާގެ އަގު މަތިކޮށްދެއްވުމަށެވެ.

ޚާމަނާއީ އެކަމަށް މި އިލްތިމާސް ކުރެއްވީ، އެ ގައުމުގައި ނިއުކްލިއާ އިންޖީނުގެއެއް ހިންގާތީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަޅާފައިވާ އިގްތިސާދީ ދަތިތަކުގެ ސަބަބުން، އީރާންގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު، އީރާން ރިޔާލުގެ އަގު ވަރަށް ބޮޑަށް ވެއްޓި، އާންމު މުދަލުގެ އަގު ބޮޑުވުމުން ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

އިބްރާހީމް ރައީސީ ގެންގުޅުއްވާ، ކޮރަޕްޝަނާ ދެކޮޅު ސިޔާސަތަށް ތާއީދުކުރައްވަމުން، ޚާމަނާއީ ވިދާޅުވީ އީރާންގެ ގައުމީ އުފެއްދުންތެރިކަން އިތުރު ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި އީރާންގައި އުފައްދާ ތަކެތި އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ބާރު އެޅުމަށް، އިބްރާހީމް ރައީސީގެ އަރިހުން ޚާމަނާއީ އެދިވަޑައިގެންނެވި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ ސަބަބުން، އެ ގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެމުން އައީ، އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ މުއާހަދާ އަށް ފަހު އެވެ. ނަމަވެސް، 2018 ވަނަ އަހަރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އެމެރިކާ އެ މުއާހަދާ އިން ވަކިވުމަށް ފަހު، އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރުން، އަލުން އެ މުއާހަދާގައި ބައިވެރިވާން ނިންމުމާ ގުޅިގެން، އެ މުއާހަދާ އަށް އަލުން އަމަލުކުރުމާ ގުޅޭ ގޮތުން، މިދިޔަ މެއި މަހުން ފެށިގެން، އެ މުއާހަދާގެ ބައިވެރިންގެ މެދުގައި، ވިއެނާގައި އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ.

ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް، އެ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވޭ ވަރުގެ އެއްބަސްވުމަކާ ހަމައަކަށް ނާދެވެ އެވެ. ޚާމަނާއީ ތުހުމަތު ކުރައްވާ ގޮތުގައި، މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވެނީ، އެމެރިކާ އިން ގެންގުޅޭ ގޮތް ދޫނުކުރުމުގެ ސިޔާސަތުގެ ސަބަބުންނެވެ.

އިބްރާހީމް ރައީސީ އީރާނުގެ ރައީސްގެ މަގާމަށް އިންތިހާބުވީ މިދިޔަ ޖޫން މަހު ބޭއްވި ރިއާސީ އިންތިހާބުގައި، ބޮޑު އަގުލަބިއްޔަތަކުންނެވެ. ނަމަވެސް އެއީ، އީރާންގެ ތާރީހުގައި ވެސް އެންމެ މަދު އަދަދެއްގެ މީހުން ވޯޓު ލުމުގައި ބައިވެރިވި ރިއާސީ އިންތިހާބެވެ.