02 ޑިސެމްބަރ 2016 - 06:31

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރައްކާތެރިކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު ބައެއް ބަލިތަކުގެ ނުރައްކާ ދުންފަތުގެ ސަބަބުން އެތައް ގުނަޔަކަށް އިތުރުވެ އެވެ. އާ ދިރާސާއަކުން ދައްކަނީ ހަކުރު ބަލި ހުންނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ އަވަހަށް މަރުވުމަށް އޮންނަ ފުރުސަތު އިތުރުވެގެންދާ ކަމަށެވެ.
ދިރާސާއިން ދައްކަނީ ހަކުރު ބަލި ހުންނަ މީހުންނަށް ވުރެ، އެ ބަލި ހުރެފައި އަދި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އަވަހަށް މަރުވުމުގެ ފުރުސަތު ދެ ގުނަ އިތުރު ކަމަށެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްވެސް މީހަކަށް ރަނގަޅު ކަމެއް ނޫން. އެކަމަކު ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ނުރައްކާ ވަކިން ބޮޑުވާ ކަމެއް،" އެމެރިކާގެ ކްލިނިކަލް ޑައެބެޓީސް ސެންޓަރު ޑިރެކްޓަރު ޖޫލް ޒޮންސްޒެއިން ވިދާޅުވެފައިވެ އެވެ.
މި ދިރާސާކޮށްފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރިން ކޮށްފައިވާ އަދި މިހާރު ވެސް ކުރަމުން އަންނަ 53،000 މީހަކު ބައިވެރިކޮށްގެންނެވެ.
ދިރާސާ ޓީމުން ބުނަނީ ދިރާސާ ކުރިއަށް ގެންދިޔަ ހަތް އަހަރުގެ މުއްދަތުގެ ތެރޭގައި، ހަކުރު ބަލި ހުރި، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން 13 ޕަސެންޓް މީހުން މަރުވި ކަމަށެވެ. އެކަމަކު ހަކުރު ބަލި ނެތް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ތެރެއިން މަރުވީ ހަތް ޕަސެންޓަށް ވުރެ ވެސް މަދު އަދަދެއްގެ މީހުންނެވެ.
މިގޮތަށް ބަލާއިރު، ހަކުރު ބަލި ހުންނަ އަންހެނުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އޮންނަ ނުރައްކާ ފިރިހެނުންނަށް އޮންނަ ވަރަށް ވުރެ ވެސް ބޮޑުކަން ދިރާސާއިން ފާހަގަވި އެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރާ ހަކުރު ބަލި ހުންނަ ފިރިހެނުން ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވުމަށް އޮންނަ ފުރުސަތަށް ވުރެ އަންހެނުންނަށް އޮންނަ ފުރުސަތު 80 ޕަސެންޓް އިތުރުވާ ކަމަށް ދިރާސާއިން ދައްކަ އެވެ.
ހަކުރު ބަލި ހުންނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ޖުމުލަ ގޮތެއްގައި ސިއްހަތަށް ރަނގަޅު ބަދަލުތަކެއް އަންނަކަން ވެސް ދިރާސާއިން ފާހަގަވެފައިވެ އެވެ.