04 އޯގަސްޓް 2021 - 11:09

ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި އުޅުނު އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މިއަދު މެދުކަނޑާލައިފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި، ފްލެޓް މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް މެދުކަނޑާލަން ނިންމުމާ އެކު މިއަދު ހެނދުނު 10 އިން ފެށިގެން ތާވަލުކުރެވިފައިވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަކަށް ނުގެންދާނެ އެވެ.
އެޗްޑީސީން ބުނީ ދެން އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ތާރީހެއް އިއުލާންކުރާނީ އެޗްޕީއޭއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
ހިޔާގެ 6،720 ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފަށާފައިވާއިރު އެޗްޑީސީން އަންނަނީ ކޮންމެ ދުވަހަކު ސޮއިކުރާނެ މީހުންގެ ލިސްޓު އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރަމުންނެވެ. އެގޮތުން ރޭ އެ ކުންފުނިން ވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު 14:30 އަށް ސޮއިކުރާނެ 254 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ.
މިއަދު 10 ޖެހިއިރު އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލުމާ ހަމައަށް އެޗްޑީސީން ވަނީ ރޭ އާންމުކުރި ލިސްޓާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފަ އެވެ.
ސާވިސް ފީއާ އެކު މަހު ކުލީގެ ގޮތުގައި 8،500ރ. ދައްކަން ޖެހޭ ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަމުން އައިއިރު އެއްބަސްވުމުގައި ސޮއިކުރުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.