ވާހަކަ: ތިން ސަބަބު: އަހަރެންގެ މައްސަލައަކީ ކޮބާ؟
ވާހަކަ: ތިން ސަބަބު: އަހަރެންގެ މައްސަލައަކީ ކޮބާ؟

މަންމަގެ އަތުޖެހުނީ ތުވާއްޔެކެވެ. އެއިން އަހަރެން ގައިގައި ތަޅައިގަތެވެ. ފޮތިގަނޑަކުން ވާނީ ކޮން އަނިޔާއެއްހޭ ހީނުކުރާށެވެ. މަންމަ ގައިގައި ހުރި ބާރެއްލައިފައި ތަޅައިގަތުމުން އަހަންނަށް ވަރަށް ތަދުވިއެވެ. ދިލަނެގިއެވެ. އަހަރެން ނުރޮމެވެ. ހަޅޭކެއް ނުލަމެވެ. ދުވެފިލާކަށް ވެސް ނޫޅެމެވެ. ނުވަ އަހަރުގެ އަންހެންކުއްޖަކީމެވެ. މަންމަ އަތުނުޖެހެން އަހަރެން ފިލަން ވަންނާނީ ކޮން ތާކަށް ހެއްޔެވެ؟ މަންމަގެ ގެއެވެ. އަހަންނަކީ މަންމަގެ ދަރިއެވެ. މަންމައަށް ބަލަހައްޓައިގެން، ލޮލުން ފެން ފުހެން އަހަރެން ހުރީއެވެ. ވަރުބަލިވެގެން މަންމަ ހުއްޓައިލާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަޑުގެ ކޮޅަށް މަންމަ ހަޅޭއްލަވާ އަޑުއިވިގެން އަހަރެން ސަލާމަތްކުރަން އައީ އެހެންޏާ ވެސް އަންނަ މީހާއެވެ. އަހަރެންގެ މާމައެވެ. މަންމަގެ މަންމައެވެ. އައި ގޮތަށް މަންމަ އަތުން ތުވާލި އަތުލައިފައި، އަހަރެން ގޮވައިގެން މާމަ ކޮޓަރިން ނުކުތެވެ.

"ދަރިފުޅު ގާތުގަ ބުނަމެއްނު މަންމަ އަނިޔާކުރަންޏާ މާމައަށް ގޮވާށޭ!" އަހަރެން ގައިގައި ފިރުމަމުން މާމަ ބުންޏެވެ. "މިހިރީ ގައިގަ އެތައްމިތަނުން ފިތްނަގާފަ. އަޅެ ހެޔޮނުވާނެއްނު މިހެން ހަދަން. އަހަރެން ދަރިން ބޮޑެތިކުރީ އަނިޔާކޮށްގެނެއް ނޫނޭ. ތިހެން އުޅެނިކޮށް މި ކުއްޖާއަށް ކަމެއް ވެއްޖެއްޔާ ކިހާ ދެރަ."

"ކަމެއް ނުވާތީ މައްސަލައަކީ،" މަންމަ ބުނި އަޑު އިވުނެވެ. "ތަޅައިގަތްގަތީނުން ތަންޑާކޮށްލަންވީ!"

ކަމަކަށް އާދަވުމުން އެ ކަމެއްގެ ސަބަބު ހޯދާކަށް ނޫޅެވެއެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. އަހަރެންގެ މަންމައަކީ، ހުއްޓަސް ނެތް މީހެކެވެ. އަހަރެންގެ ހުރިހައި ކަމެއް ކޮށްދެނީ މާމައެވެ. ހެދުމެއް ގަތަސް ގަނެދެނީ، ތަނަކަށް ދިޔަސް ގެންދަނީ، މީރު ކާއެއްޗެއް ގެނަޔަސް ގެނެސްދެނީ މާމައެވެ. އަހަރެން ވަރަށް ކުޑަ އިރު ކާފަ ނިޔާވެއްޖެއެވެ. އަހަރެން އުޅެނީ މަންމަގެ ގޭގައެވެ. އަހަރެން މަންމަގެ އިތުރު ދެ ކުދިން ތިބެއެވެ. މުޅީން ވެސް އަންހެންކުދީންނެވެ. އަހަންނަކީ އެންމެ ދޮށީ ކުއްޖާއެވެ. ދެން ތިބީ ދޮންބައްޕަގެ ކުދިންނެވެ. ދޮންބައްޕަ ވަރަށް ހެވެވެ. އެކަމަކު އަހަރެންގެ މަންމަ އެހެން ކުދިންނާއި އަހަރެން ވަރަށް ތަފާތުކުރެއެވެ.

މަންމަ އަނިޔާކުރަން ފެށުމުން މާމައަށް އަހަރެން ނުގޮވަނީ ސަބަބެއް އޮވެގެންނެވެ. ކޮންމެ ފަހަރަކު މާމަ އައިސް އަހަރެން ސަލާމަތްކުރަނިކޮށް، މާމަ ނެތް ދުވަހެއް އަތުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަބަދަކު މާމައެއް ނުހުންނާނެއެވެ. އެ ބިރުވެރި ހަގީގަތް، ވަރުގަދަ ސިންގާއަކަށް ވެގެން އަހަރެން ރޮލައި ކާލާކަށް އަހަރެން ނޭދެމެވެ. ނޭދުނަސް ތަގުދީރަކީ ބަދަލުކުރެވޭ އެއްޗެއް ހެއްޔެވެ؟ މާދަމައަށް ފިލޭނީ ކާކަށް ހެއްޔެވެ؟

ދަންވަރެއްގެ ހަމަހިމޭން ވަގުތުގައި އަހަންނަށް ހޭލެވުނީ ގޭތެރެ ހޭލަމޭލަވެގެން އުޅޭ އަޑަށެވެ. އަހަރެން އަޑުއަހަން އޮތީމެވެ. މާމަ ނިޔާވީއެވެ. އަހަރެންގެ އެހީތެރިޔާ އަހަރެން ދޫކޮށްލައިފައި ދިޔައީއެެވެ. އެކުގައި އަހަރެން ގެންދިޔަ ނަމަ ކޮން ފަދަ ހެއްޔެވެ؟ ކުރިން ވިއްޔާ މަންމައަށް ގޯސްވާނީ އަހަރެން ކުރާ ކަންތަކެވެ. ދެން އަހަރެން ނުކުރާ ކަންތައް ވެސް ބޮލުގައިއަޅަންޖެހުނެވެ. އަހަރެން ދެކެ މަންމަ ލޯބިނުވާކަމާއި ނުވެސް ވާނެކަން، އަބަދާއަބަދު ހަނދާންކޮށްދޭން ފެށިއެވެ. އެ ކަމުން މަންމައަށް އުފަލެއް ލިބޭ ކަހަލައެވެ.

އަހަރެންގެ ކިލާސްކުދިން ގެއަކަށް ނުގެންނަމެވެ. ނާސިހާއަކީ، އެންމެ ގިނަ ކިލާހުގައި އަހަންނާ އެއްކޮށް އުޅުނު އެކުވެރިޔާއެވެ. އޭނަ ވެސް ގެއަކަށް ނުގެންނަމެވެ. އެހެނަސް، ކަމެއް އެނގެން ވެއްޖެއްޔާ ސިއްރެއް ނުކުރެވޭނެއެވެ. ނާސިހާ މަންމަޔާ އެކުގައި ތަނަކަށް ދަނިކޮށް ވާރޭވެހިގަނެގެން ނާސިހާ ދުވެފައި ވަނީ އަހަރެންގެ ގެއަށެވެ. މަންމަ ވެސް ގޮވައިގެންނެވެ. ނާސިހާއަށް ދޮރުން ވަދެވުނު އިރު، އަހަރެން ގައިގައި މަންމަ ފިހިގަނޑުން ބޮނޑިއެއްއަޅަނީއެވެ. އޭރު އަހަރެންގެ އުމުރުން ތޭރަ އަހަރެވެ. މަންޒަރު ފެނުމުން، މަޑުނުކޮށް ނާސިހާމެން ދިޔައީއެވެ. އެއީ، ގެއިން ބޭރު މީހަކަށް އެ މަންޒަރު ފެނުނު ފުރަތަމަ ފަހަރެވެ.

އެކަކަށް ވެސް އެ ވާހަކަ ނުކިޔައިދޭން ހުއްޓައި، ނާސިހާ ސުވާލުތައް އޮއްސައިލިއެވެ. ކިލާސް އިންޓަވަލުގައި އޮތީ އަހަރެންގެ އިންޓަވިއުއެވެ. ކިލާހުގެ އެއް ކަނެއްގައި ތިބެގެން އަހަރުމެން ލައްކަ ވާހަކަދެއްކީމެވެ.

"ރީމް ބުނާނެ އެ ވަރު ކަމެއް ނޫނޭ!" ނާސިހާ ބުންޏެވެ. "އެނގޭތަ! އަހަރެންގެ މަންމަ ދުވަހަކު ވެސް އަހަރެންގެ ގަޔަކު ނުޖަހާނެ. ބައްޕަ ވަރަށް ރުޅިގަދަވާނެ. ހަޅޭއްލަވާނެ. އެކަމަކު ބައްޕަ ވެސް ގަޔަކު އަތެއް ނުލާނެ. ރީމް ކީއްތަ ކުރީ؟"

"މަންމަ އަބަދުވެސް އުޅޭނީ އެހެން،" އަހަރެން ބުނީމެވެ. "އަޅާނުލާ! އޯކޭވާނެ!"

އެ ވަރަކުން ސަލާމަތެއް ނުވިއެވެ. އަހަރެން ޖެހުނީ ކިޔައިދޭށެވެ. އަހަރެން ބުނީމެވެ. އަހަރެން ހަނދާންހުންނަން ފެށީއްސުރެ ވެސް އަހަންނަށް މަންމަ އަނިޔާކުރެއެވެ. އެއްޗެހި ގޮވައެވެ. ރުޅިއާދެއެވެ. އަހަރެންގެ ދެ ކޮއްކޮޔާ މެދަކު އެ ގޮތަކަށް ކަންތަކެއް ނުކުރެއެވެ. އަހަރެން މަންމައަށް ގޮވައިލާ އެންމެ ފަހަރަކު ވެސް މަންމަ ޖަވާބެއް ނުދެއެވެ. ބަލައެއް ވެސް ނުލައެވެ. ދުވަހަކު ވެސް ދަރިފުޅޭ ކިޔައިފައި ގޮވައެއް ނުލައެވެ. ކިޔާނީ އަހަރެންގެ ނަމުންނެވެ. ނުވަތަ ކަލެއެވެ. ދެން ކިޔާނީ ކުއްޖާގަނޑެވެ. ނޫނީ ސުންޕާގަނޑެވެ. އަހަންނަށް ނޭނގޭ ނަމެއް ވެސް އެއް ފަހަރަކު ކިއެވެ.

ކޮއްކޮމެން ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އަހަންނަށް ކަންތައްތައް ކުރެވޭ ވަރުވުމުން، އެ ކުދިން ފެންވަރުވައި، ކާންދީ ހަދަމެއެވެ. ފިލާވަޅު ދަސްކޮށްދީ، ނިދަން އޮށޯތުމުން ވާހަކަކިޔައިދީ، ޝަހާދަތްކިޔައިދެނީ ވެސްެ އަހަންނެވެ. އެއްވެސް ވަރަކަށް ޒާތީހަސަދައެއް ނުބާއްވަމެވެ.

"އަހާބަލަ ކީއްވެހޭ ތަޅަނީ؟" ފުރަތަމަ ފަހަރަށް ނާސިހާ ސުވާލު އުފެއްދިއެވެ. "ރީޒަނެއް އޮންނަން ޖެހޭނެއްނު!"

"ލޯބިނުވާތީއެއްނު!" އަހަރެން ބުނީމެވެ. "ދޫނި ވެސް ބައެއް ފަހަރު ދަރިފުޅު ގައިގަ ކޮށައެއްނު!"

ކީއްވެހޭ ލޯބި ނުވަނީ؟" ނާސިހާ އެހިއެވެ. "ވިސްނާލަބަލަ! ރީމްއަކީ ދޫންޏެއް ނޫނޭ!"

އަހަރެންގެ ހިތަށްއެރިއެވެ. އެއީ ތެދެކެވެ. ސަބަބެއް އޮންނަން ޖެހޭނެއެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެ ދުވަހު އަހަރެން މަންމަޔާ ސުވާލުކުރީމެވެ. ދުވަހަކު ވެސް ނުކުރާ ސުވާލެކެވެ.

"މަންމަ ކީއްވެ އަހަންނަށް އަނިޔާކުރަނީ؟ ކީއްވެ އަބަދު އަހަރެން ގައިގަ ތަޅަނީ؟" އަހަރެން އެހީމެވެ.

"ލޯބިނުވާތީ!" ވަރަށް ސާފުކޮށް މަންމަ ބުންޏެވެ. "ކަލޭ ދެކެ އަހަރެން އެއްވެސް ލޯތްބެއް ނުވޭ!"

ވައި؟" އަހަރެން ސުވާލުކުރީމެވެ.

"ކޮން ވައިއެއް؟ އަހަރެން ކަލޭ ދެކެ އެއްވެސް ލޯތްބެއް ނުވޭ!" ތަކުރާރުކޮށް މަންމަ ބުންޏެވެ. "އެއްވެސް ލޯތްބެއް ނުވޭ!"

މަންމަގެ ރާގު ހުރި ގޮތުން އެ ވަގުތަށް އެ ވަރުން ފުއްދައިލީމެވެ. އެކަމަކު، އަހަރެންނަކަށް ނުފުދުނެވެ. ހިތްހަމައެއް ނުޖެހުނެވެ. ނިދަން އޮވެފައި އަނެއްކާ ވެސް އެ ސުވާލުކުރީމެވެ. އެހެން ގޮތަކަށެވެ.

"މަންމަ ކީއްވެ އަހަރެން ދެކެ ލޯބިނުވަނީ؟" އަހަރެން އެހީމެވެ.

ހިތި ހަގީގަތް އަހަންނަށް އެނގުނީ އެ ރެޔެވެ. މަންމަ ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ.

"ކަލޭ ދެކެ އަހަރެން ލޯބިވާނެތަ؟" މަންމަ ރުޅިއައިސްފައި ބުންޏެވެ. "ކަލެއަށް ވެސް މިހާރު ތަންދޮރު އެނގޭނެ. އެނގޭނެ ލޯތްބަކީ ކޯޗެއްކަން. ކީއްވެކަން މީހުން ދެކެ މީހުން ލޯބިނުވަނީ. އެހެންވީމަ މި ބުނަނީ. މަ ކިހިނެއް ލޯބިވާނީ؟ އޭނ؟ މަ ރޮއެރޮއެ ހުއްޓާ، ކަލޭގެ މާމަ ގަދަކަމުން ކަލޭގެ ބައްޕަޔާ އަހަރެން ދެވީ. އޭނަ ދެކެ އަހަރެން އެއްވެސް ލޯތްބެއް ނުވޭ! އިންނާކަށް ވެސް ބޭނުމެއް ނޫން! ކައިވެނިކުރި އިރު ވެސް އަހަރެން އިނީ ރޯން. އަހަރެން ރޮއިރޮއި އޮއްވާ ކަލެއަށް ބަލިވެއިނީ ވެސް. އެތައް ހާލަކުން، ތަޅާފޮޅައިގެން އޭނަ ކައިރިން އަހަންނަށް ވަރިވެވުނީ. ދެން އެ މީހާގަނޑުގެ ދަރިއެއް ދެކެ މަ ލޯބިވާނެ؟ ކަލޭ ވައްތަރީ ވެސް އޭނަޔާ. ކަލޭ ފެނުނީމަ ހީވަނީ އޭނަ ފެންނަހެން. އެ މީހާގަނޑު ދެކެ އަހަރެން ވަރަށް ރުޅިއާދޭ! މަ ރަނގަޅެއްނު ކަލޭ މަރާނުލާ ގެންގުޅުނުކަން. އޭނަ ކައިރިން ވަރިވެގެން އައި އިރު މަ ބޭނުމެއް ވެސް ނޫން ކަލޭ ގެންނާކަށް. އެކަމަކު ކަލޭގެ މާމަ ބުނީ ކަލޭ ނުލައި އައިއްސިއްޔާ މި ގެއަކަށް ނުވައްދާނަމޭ! އެހެންވެ ކަލޭ ގެނައީ ވެސް."

ބައެއް ވާހަކަ ރަނގަޅީ ސިއްރެއް ގޮތުގައި ވަޅުލައިފައި ބޭއްވުމެވެ. އަހަންނަށް ދަސްވި ފިލާވަޅަކީ އެއީއެވެ. އަހަރެން އުޅެ ބޮޑުވީ، ގޮންޖެހުން ބޮޑު މާހައުލެއްގައެވެ. ބަލަން ބޭނުން ނޫން އެތައް ކަމެއް ފެނި، އަހަން ބޭނުން ނޫން އެތައް ކަމެއް އިވެމުންނެވެ.

މަންމަ ލޯބިނުވުމުން، ލޯބިވާނެ މީހަކު ލިބޭނެކަމުގެ އުންމީދު އަހަރެން ދޫކޮށްލީމެވެ. އަހަރެންގެ ހުރިހައި ވެސް އެދުމަކީ، ކޮންމެވެސް މީހަކު އަހަންނާ އިނދެގެން އޭނަގެ ގެއަށް އަހަރެން ގެންދިޔުމެވެ. ދެރަވާ ކަމެއްވުމުން ރުއިމަކީ ފަސޭހަކަމެކެވެ. ކަރުނަ ހިފޭއްޓުމަކީ ކިހާ އުނދަގޫކަމެއް ހެއްޔެވެ؟ ހިތަށް ވާ ތަދު އިހުސާސްނުވާނެ އެކަކު ވެސް ނުހުންނާނެއެވެ. ބައެއް މީހުން ކެތްގަދައީއެވެ. އެ މީހުންގެ މޫނުމައްޗަކުން މާޔޫސްކަމެއް ނުފެންނާނެއެވެ. ދެރަވުމުން ހިނިތުންވެލައިފައި، ތަދުވުމުން ފިރުމައިލައިގެން އެ މީހުން ތިބެނީއެވެ. އެއީ އަހަރެން ކަހަލަ މީހުންނެވެ. ކޮންމެވެސް ދުވަހަކުން ހުރިހައި ކަމެއް ރަނގަޅުވާނެކަމަށް އަހަރެން ކަހަލަ މީހުން އުންމީދުކުރެއެވެ.

ތައުލީމީ ދައުރު ނިމި، އަހަރެންގެ ހަޔާތަށް އަޝްރާން ނަމަކަށް ކިޔާ، ފިސާރި ސިފަވަންތަ މީހަކު އައެވެ. އެއީ ސިފައިންގެ މީހެކެވެ. ރީތި ޔުނީފޯމުގައި ތިބޭ ފިރިހެނުން އަހަންނަށް ވަރަށް ހިތްގައިމެވެ. އެ ފަދަ މީހަކު ހުރަސްކުރާ ނަމަ، ވައްކަޅި ވިޔަސް އަހަރެން ބަލަމެވެ. އެއީ، އަންހެނުންގެ ބަލިފަޔެކެވެ. ހާއްސަކޮށް، ސިފައިން ބޭންޖަހާ އިރު ފެންނަ އެންމެން ވެސް އަހަންނަށް ރީއްޗެވެ. އަޝްރާން ވަކީން ފާހަގަކުރެވުނީ، ބޭން ހުއްޓައިފައި އޮތް އިރު، އަހަންނާ ދިމާއަށް އަޝްރާން ސިއްރުން ބަލާތީއެވެ. ޔުނީފޯމުގައި ޖަހައިފައި އޮތް އަޝްރާންގެ ނަން، ވަގުތުން އަހަރެންގެ ހިތަށް ކޮޕީކޮށްލީމެވެ.

އަޝްރާނާ ގުޅާނެ ގޮތެއް ނޭނގިގެން އަހަރެން ހުއްޓައި، އޭނަ ގުޅިއެވެ. ފުރަތަމަ ވެސް ބުނީ އޭނަގެ ނަމެވެ. އަޑުގައި ހުރި ސާބިތުކަމާއި، ތެދުވެރިކަމާއި، ޖެހިލުން ކުޑަކަމުގެ ސަބަބުން އަހަރެންގެ ހިތް ފިދާވިއެވެ.

"ސިފައިން، މީހުންގެ އަނބިންނަށް ވެސް ގުޅާތަ؟" އަޝްރާން އިމުތިހާނުކޮށްލުމުގެ ބޭނުމުގައި އަހަރެން އެހީމެވެ. "ބުނޭ ސޮރީއޭ!"