04 އޯގަސްޓް 2021 - 11:16

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރަން ގޮވައިލި ނ. ކުޑަފަރީ ސްކޫލުގެ ޓީޗަރު އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
މުހައްމަދު އަޝްރަފް ނަމަކަށް ކިޔާ ޓީޗަރު، އިދާރީ ތަހުގީގެއް ހިންގުމަށް، ސަސްޕެންޑްކުރީ މެއި 9 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.
ސީރިއަސް މައްސަލައަކަށް ވުމުން ހާއްސަ އިސްކަމެއް ދީގެން އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ވަނީ ތަހުގީގު ކޮށްފަ އެވެ. މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ ވިދާޅުވީ، އަޝްރަފްގެ މައްސަލަ ބެލުމަށް ފަހު އޭނާ މިހާރު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އަޝްރަފް، އޭނާގެ ފޭސްބުކުގައި ވައްޑެ މަރާލަން ގޮވާލައި ޕޯސްޓް ޖެހީ އެޕްރީލް މަހުގެ 16 ގަ އެވެ. އޭގައި ވަނީ ދީނަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާތަން ބަލަން ރައްޔިތުން ތިބެގެން ނުވާނެ ކަމަށެވެ. އަދި ވައްޑޭ ތައުބާ ވުމަށް އަންގައި އެކަން ނުކޮށްފި ނަމަ މަރާލަންޖެހޭ ކަމަށް އަޝްރަފްގެ ޕޯސްޓުގައި ބުންޏެވެ.
އެ ޕޯސްޓް އެތައް ފަހަރަކު އެޑިޓު ކުރުމަށް ފަހު ފަހުން އޭނާ ވަނީ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.