04 އޯގަސްޓް 2021 - 12:01

ފުޓްބޯޅަ ތަރި، އަހްމަދު ނާޝިދު (ނާއްޓޭ) ފުޓްބޯޅަ ކުޅުން ހުއްޓާލާފައި، އަމިއްލަ ރަށް، ސ. ހިތަދު އަށް ދިރިއުޅުން ބަދަލުކޮށްފި އެވެ.

އާމްދަނީ ހޯދުމުގެ ގޮތުން ރަށުގައި އޭނާ ދަނީ މަހަށެވެ. ރާއްޖޭގެ އެންމެ ޓޮޕް ޑިވިޝަންގައި 10 އަހަރު ފުޓްބޯޅަ ކުޅުމަށް ފަހު ނާއްޓޭ ކުޅުން ހުއްޓާލިކަން އިއުލާން ކުރިއިރު މިދިޔަ ސީޒަންގައި އެއްވެސް ކްލަބަކަށް އޭނާ ކުޅެފައެއް ނުވެ އެވެ.

އެންމެ ފަހުން އޭނާ ކުޅުނީ، ޔުނައިޓެޑް ވިކްޓަރީ އަށެވެ. އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރި އެވެ. އެހެން ބައެއް ކްލަބުތަކުން ވެސް ނާއްޓޭ ގެންދަން މަސައްކަތް ކުރި އެވެ. ނަމަވެސް ނާއްޓޭ ވަނީ ދިރިއުޅުން ރަށަށް ބަދަލުކޮށްފަ އެވެ.
ކްލަބު ވެލެންސިއާ އިން 2008 ގައި ސީނިއާ ކެރިއާ ފެށި ނާއްޓޭގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ މާޒިޔާގަ އެވެ. އެ ކްލަބުގައި 2015 އަދި 2016 ގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުގައި 2015 ގައި އޭނާ ދެއްކި ކުޅުމާ އެކު، "ހަވީރު" ނޫހުން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނާއްޓޭ ނޮމިނޭޓްވި އެވެ. އެ އެވޯޑުގައި އަސަދުﷲ އަބްދުﷲ އާއި އަސްހަދު އަލީ (އަޑޭ) ގެ ފަހަތުން ތިން ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ނާއްޓޭ ހޯދި އެވެ.
ގައުމީ ޓީމުގައި މުހިންމު މެޗުތަކުގައި ނާއްޓޭ ވަނީ ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ލަނޑަކީ، އޭޝިއަން ކަޕު ޕްލޭއޮފްގައި 2016 ގައި ލާއޯސް ކޮޅަށް އޭނާ ޖެހި ލަނޑެވެ. ލާއޯސްގައި ކުޅުނު މެޗުން ރާއްޖެ 1-0 އިން ބަލިވާން ދަނިކޮށް، ދިވެހި ޓީމަށް މެޗު އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ނާއްޓޭ އެވެ.
ގައުމީ ޓީމާ އެކު ނާއްޓޭ ކުރިމަތިލި މުބާރާތްތަކުގެ ތެރެއިން އިންޑިއާގެ ޓްރިވެންޑްރަމްގައި 2015 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ ހާއްސަ މުބާރާތެކެވެ. ގުރޫޕް ސްޓޭޖުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ރާއްޖެގެ ތިން ވަނަ ލަނޑު ޖެހީ އޭނާ އެވެ. އަދި އެ މެޗުގައި ރާއްޖެ އަށް ލިޑު ނަގައިދޭން ނާއިޒު ހަސަން (ދާދު) ބަންގްލަދޭޝް ކޮޅަށް ވައްދާލި މުހިންމު ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް ނާއްޓޭ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އިން ފުރަތަމަ ލީޑު ނަގައިފައި ވަނިކޮށް ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ޕްރެޒިޑެންޓް ކަޕް 2015 ގައި އަމިއްލަ ރަށުގައި ކުޅެ މުބާރާތް މާޒިޔާ އަށް ކާމިޔާބުކޮށް ދިނުމުގައި ނާއްޓޭ މުހިންމު ދައުރެއް އަދާ ކުރި އެވެ. ސަޕޯޓަރުން އެންމެ ގިނަ ކްލަބު، ނިއު ރޭޑިއަންޓާ ދެކޮޅަށް، މާޒިޔާ ކުޅުނު މެޗުގައި އައްޑޫ ޒޯން ސްޓޭޑިއަމަށް ވަން ގިނަ މީހުން ސަޕޯޓުކުރީ މާޒިޔާ އަށެވެ. އެއީ އެ ޓީމުގައި އައްޑުއަށް ނިސްބަތްވާ ނާއްޓޭ ހުރުމުންނެވެ.