ސޮސެއިޑާޑް ދަނޑުގައި ކުޅެން ބިރެއް ނުގަނޭ: އެންރީކޭ
ސޮސެއިޑާޑް ދަނޑުގައި ކުޅެން ބިރެއް ނުގަނޭ: އެންރީކޭ

ބާސެލޯނާ (ނޮވެމްބަރު 27) - ސްޕެނިޝް ލީގުގައި 2007 ވަނަ އަހަރުގެ ފަހުން ރެއާލް ސޮސެއިޑާޑް ދަނޑުގައި އެ ޓީމުން އަތުން ބާސެލޯނާ މޮޅުވެފައި ނުވި ނަމަވެސް އެކަމާ ބިރުނުގަންނަ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ރޭ ސްޕޯޓިން ގިޔޯސް އަތުން 2-1 އިން ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 33 ޕޮއިންޓާ އެކު އެވެ. ރޭ ވެލެންސިއާ އަތުން 2-1 އިން މޮޅުވި ސެވިއްޔާ ވަނީ 27 ޕޮއިންޓާ އެކު ދެ ވަނަ އަށް އަރައިފަ އެވެ. ބާސެލޯނާ 26 ޕޮއިންޓާ އެކު މިވަގުތު ތިން ވަނައިގައި އޮތް ނަމަވެސް މިރޭ ރެއާލް ސޮސެއިޑާޑް އަތުން އެ ޓީމު ބަލިނުވެ ފަރުޖައްސައިފި ނަމަ ނަމަ ބާސެލޯނާ އަލުން ދެ ވަނަ އަށް އަރާނެ އެވެ.

ސޮސެއިޑާޑް ދަނޑުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ބާސެލޯނާ ވަނީ ފަސް މެޗުން ބަލިވެފަ އެވެ. ފާއިތުވި އަށް އަހަރަށް ބަލާއިރު ބާސެލޯނާގެ ރެކޯޑް އެންމެ ދަށް ދަނޑަކީ ސޮސެއިޑާޑް ދަނޑެވެ. އެންރީކޭ ބުނީ މިރޭގެ މެޗަށް ނުކުންނައިރު މިއީ އޮތް ކަންބޮޑުވުމެއް ކަމަށް ނުދެކޭ ކަމަށެވެ.

"މާޒީ އިން ކުރާނެ އެއްވެސް ފައިދާއެއް ނެތް. މެޗަކުން މޮޅުވާން ކުރިން ވެފައި އޮތް ކަމަކުން އަސަރެއް ކުރާނެ ކަމަށް ނުދެކެން. މެޗުން މޮޅުވަން ބޭނުންނަމަ މަސައްކަތް ކުރަން ޖެހޭ އެ ވަގުތެއްގައި. ސޮސެއިޑާޑް ދަނޑުގައި ކުޅެން ބާސެލޯނާ ބިރެއް ނުގަނޭ،" ކުރިން ސެލްޓަ ވިގޯ އާއި ރޯމާ އަށް ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.

ބާސެލޯނާ ކޯޗުކަމުގައި ހުރެ މިހާތަނަށް އެންރީކޭ އަށް ލިބުނު އެންމެ ބޮޑު މާޔޫސްކަމަކީ މިދިޔަ އަހަރު ޖެނުއަރީ މަހު ސޮސެއިޑާޑްގެ ކޯޗުކަމުގައި ޑޭވިޑް މޮއިސް ހުރިއިރު އެ ޓީމު އަތުން 1-0 އިންވި ބައްޔެވެ. އެ ނަތީޖާ އަށް ފަހު ބާސެލޯނާގެ ސްޕޯޓްސް ޑައިރެކްޓަރު އެންޑޯނީ ޒުބިޒަރޭޓާ މަގާމުން ވަކިކުރިއިރު، އެންރީކޭގެ ވަޒީފާގެ ބިރުވެސް އޭނާ އަށް އޮތެވެ.

މިރޭގެ މެޗަށް ނުކުންނައިރު ބާސެލޯނާ އަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޖެރާޑް ޕީކޭ ފިޓްވުމެވެ. އަދި ލިއޮނަލް މެސީ ރަނގަޅު ފޯމެއްގައި ހުރުމެވެ.

ބާސެލޯނާ އާއި ސޮސެއިޑާޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.