03 އޯގަސްޓް 2021 - 22:23

ފާއިތުވި 24 ގަޑިއިރުތެރޭ މާލެ އިން 2،181 ސާމްޕަލެއް ކޮވިޑަށް ޓެސްޓުކުރި އިރު އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 26 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިރޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ އިދާރާ އިން ކޮންމެ ރެއަކު އާންމުކުރަމުންދާ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް މުޅި ރާއްޖެ އިން 5،449 މީހަކު ކޮވިޑަށް ޓެސްޓު ކޮށްފައިވެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 125 މީހުންނެވެ. އެއީ މާލެ އިން 26 ކޭސް، ރަށްރަށުން 91 ކޭސް އަދި ރިސޯޓުތަކުން އަށް ކޭހެވެ.
މުޅި ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު 77،758 އަށް މިހާރު އަރަ އެވެ. އޭގެ ތެރެއިން 75،065 މީހުން ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު މި ވަގުތު އުޅެނީ 2،459 ގަ އެވެ.
މި ވަގުތު ހޮސްޕިޓަލުގައި 16 މީހަކަށް ފަރުވާދެމުންދާއިރު، ކޮވިޑް ޖެހިގެން މިއަދު މަރުވި އިތުރު މީހަކާ އެކު ރާއްޖެ އިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 222 އަށް އަރައިފަ އެވެ.
މާލޭގައި ކޮވިޑުގެ ކޭސްތައް މަދުވި ނަމަވެސް ރަށްރަށުގައި ކޭސްތައް ދަނީ މަޑު މަޑުން އިތުރު ވަމުންނެވެ. އެގޮތުން މިއަދު ވެސް ތިން ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މި ވަގުތު ރާއްޖޭގެ 17 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.