03 އޯގަސްޓް 2021 - 21:27

މާދަމާ އިން ފެށިގެން ހަފުތާގެ ހުރިހާ ދުވަސްތަކެއްގައި ވެސް ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދޭން އެ ކޯޓުން ނިންމައިފި އެވެ.
ހަފުތާގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ފެށި ނަމަވެސް، ކޯޓުން ބޭރުގައި ގާޒީން ގޮސްގެން ކައިވެނި ކޮށްދޭން އަދި ނުފަށާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ. ކޯޓުން ބޭރުގައި މިހާރު ކައިވެނިކޮށްދެނީ އޮންލައިންކޮށެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން އެ ކޯޓުން އަންނަނީ އޮންލައިންކޮށް ކައިވެނި ކޮށްދެމުންނެވެ. އަދި ކޯޓުގައި ކައިވެނިކޮށް ދިނުން ބޭއްވީ ވަކި ދުވަސްތަކެއްގަ އެވެ.
ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ އިން ފެށިގެން ކޯޓުގެ ރަސްމީ އަދި ނުރަސްމީ ގަޑީގައި ވެސް އޮންލައިންކޮށާއި ކޯޓަށް ހާޒިރުވެގެން ކައިވެނިތައް ކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އޮންލައިންކޮށް އަދި ކޯޓުގައި ކައިވެނިކޮށްދިނުމުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:30 އިން މެންދުރު 1:30 އަށެވެ. އޮންލައިންކޮށާއި ކޯޓުގައި ކައިވެނިކޮށްދިނުމުގެ ނުރަސްމީ ގަޑިއަކީ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ.