03 އޯގަސްޓް 2021 - 21:03

ކޮވިޑު-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ބަދަލުކުރާ ރަށްތައް މަދުވުމަށް ފަހު އެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 6:30 އާ ހަމައަށް 17 ރަށަކަށް އަރައިފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ވެސް މޮނިޓަރިންގެ ހާލަތުގައި 13 ރަށެއް އޮތެވެ. އެކަމަކު، ހަފުތާއެއްގެ ތެރޭގައި އިތުރު ހަތަރު ރަށަކުން ކޮވިޑުގެ ކޭސްތައް މިހާރު ވަނީ ފެނިފަ އެވެ.
ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން ފަށައި ބޮޑު އީދާއި ސްކޫލް ޗުއްޓީއާ ދިމާކޮށް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ޕީސީއާރު ނެގެޓިވް ނަތީޖާއާ އެކު ކަރަންޓީން ނުވެ ދަތުރުކުރުން ހިމެނެ އެވެ. އެހެންވެ، ޗުއްޓީ ހޭދަކޮށްލުމަށް ގިނަ ބަޔަކު ރަށްރަށަށް ގޮސްފައިވެ އެވެ.
މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތް ރަށްރަށުގެ ތެރެއިން، އެންމެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތީ ފުވައްމުލަކެވެ. ކޮވިޑުގެ ކޭހެއް ފެނިގެން އެ ރަށް މޮނިޓަރިންނަށް ލާފައިވަނީ މީގެ ތިން މަސް ކުރިން މިިދިޔަ މެއި، 6 ވަނަ ދުވަހެވެ. ދެ ވަނައަށް އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތް ރ. ދުވާފަރު އެ ހާލަތަށް ގެނައީ މެއި 25 ގަ އެވެ.
އެންމެ ފަހުން މިއަދު ވެސް ތިން ރަށެއް މޮނިޓަރިންނަށް ގެނަ އެވެ. އެއީ އއ. ހިމަންދޫ، ލ. ގަން އަދި އެ އަތޮޅު ފޮނަދޫ އެވެ.