ކޮވިޑްގައި ފުވައްމުލަކުން ފުރަތަމަ ފަހަރަށް މަރެއް
ކޮވިޑްގައި ފުވައްމުލަކުން ފުރަތަމަ ފަހަރަށް މަރެއް

ކޮވިޑް-19 ގައި ފުވައްމުލަކުން މީހަކު މިއަދު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި އެ ރަށުން މަރުވި ފުރަތަމަ މީހާ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ހެނދުނު 9:00 ހާއިރު ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 98 އަހަރުގެ ދިވެހި ފިރިހެނަކު މަރުވީ ކޮވިޑްގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ފުވައްމުލަކު މީހެކެވެ. އޭނާ މަރުވީ ކޮވިޑްގައި ކަމަށް ކަނޑައެޅީ ގޭގައި މަރުވުމުން ހޮސްޕިޓަލަށް ހަށިގަނޑު ގެންގޮސް ނެގި ސާމްޕަލް ޕޮޒިޓިވްވެގެން ކަމަށް އެ ރަށު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ވިދާޅުވި އެވެ.

މި މަރާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 222 އެރީ އެވެ.

ކޮވިޑް ފެނިގެން މިދިޔަ މެއި މަހުގެ ކުރީކޮޅު އަރައިފޭބުން މަނާކޮށްފައި އޮތް ފުވައްމުލަކުގައި މިވަގުތު ވެސް ކޮވިޑް ޖެހިފައިވާ 53 މީހަކު އެބަތިއްބެވެ.

ފިކުރީ ވިދާޅުވި ގޮތުގައި އަދިވެސް ދޭތެރެއަކުން ކޮވިޑްގެ ކޭސްތައް އިތުރުވެ އެވެ. އެކަމަކު މިހާރު ބަލި ޖެހޭ މީހުންގެ އަދަދު މަޑުމަޑުން މަދުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގައި ފުއްވަމުލަކުން މީހަކު މަރުވެފައި މިވަނީ، މި ބަލީގައި އެންމެ ފަހުން މީހަކު މަރުވިތާ ހަތަރު ދުވަސް ފަހުންނެވެ. އެންމެ ފަހުން އެ ބަލީގައި މަރުވީ ރ. ދުވާފަރު ހެލްތު ސެންޓަރުގައި ފަރުވާދެމުން އައި 52 އަހަރުގެ އަންހެނެކެވެ.