03 އޯގަސްޓް 2021 - 13:27

ތެހެރާން (އޮގަސްޓް 3) - ދުޝްމަން ގައުމުތަކަށް ވަރުގަދަ އިންޒާރެއް ދެއްވުމަށް ފަހު އީރާންގެ ރައީސްކަމުގެ މަގާމާ އިބްރާހިމް ރައިސީ މިއަދު ހަވާލުވެވަޑައިގެންފި އެވެ.
"އަޅުގަނޑުގެ އެންމެ އިސް އެއް ވާޖިބަކަށް ވާނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތް ކުރުން. ނަމަވެސް ދުޝްމަން ގައުމުތަކުގެ ކުރިމަތީގައި އީރާންގެ ރައްޔިތުންގެ ދިރިއުޅުން ގުރުބާނެއް ނުކުރާނަން،" ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ތަގްރީރުގައި ރައިސީ ވިދާޅުވި އެވެ.
ރައީސްކަމާ ރައިސީ މިއަދު ހަވާލުވެވަޑައިގެންނެވި ނަމަވެސް މަގާމުގެ ހުވާ ޕާލަމެންޓުގައި ކުރައްވާނީ ބުރާސްފަތި ދުވަހު އެވެ.
އުމުރުން 60 އަހަރުގެ ރައީސީ ވަނީ އީރާންގައި ޖޫން މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ގާތްބޭފުޅެއް ކަމަށްވާ ރައިސީ އަށް ހުޅަނގުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ އޭނާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް ރަނގަޅު ނުވުމުންނެވެ.
ރައީސް ހަސަން ރޫހާނީގެ ވެރިކަމުގައި ވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ނިއުކްލިއާ އެއްބަސްވުމެއް ގާއިމްކޮށް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއިތަކެއް ހޯދުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމުން އެ ގައުމު ވަކި އީރާނާ ދެކޮޅަށް ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.
ރައިސީ ވިދާޅުވެފައި ވަނީ މަޝްވަރާތަކެއް ކުރުމުގެ ނިޔަތުގައި ހުޅަނގާ އެކު އެއްވެސް ބައްދަލުވުމެއް ނުބާއްވާނެ ކަމަށެވެ. ޚާމަނާއީ ވެސް ވަނީ ހުޅަނގަށް އިތުބާރު ނުކުރުމަށް ގޮވާލައްވައިފަ އެވެ.
"ގައުމީ މަސްލަހަތު ހިމެނޭ ކަމެއްގައި ނޫނީ ހުޅަނގާ އެކު އީރާނުން އެއްވެސް މަޝްވަރާއެއް ނުކުރާނެ. ބޭރު ގައުމުތަކުން އައިސް އީރާނުގެ އިގްތިސާދު ސަލާމަތް ކުރަންދެން އަޅުގަނޑު މަޑުން ނުހުންނާނެ،" އީރާނުގެ ޖުޑިޝަރީގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ރައިސީ ވިދާޅުވި އެވެ.