ފައިނުގަައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި
ފައިނުގަައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ރ. ފައިނުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތުގައި މިހާރު އެ ރަށުގައި ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީގެ މަސައްކަތެވެ. މަސައްކަތަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ވަނީ އެ ރަށަށް ގެންގޮސްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނުގެ ނިޒާމް ގާއިމުކުރުމަށް ފައިނުގައި 5.38 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ އިމާރާތް ކުރުމުގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާތެރި ކުރުމަށް ތިން ތާނގީ ބަހައްޓާނެ އެވެ. އަދި އެރަށުގެ ގެ ތަކުގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ އެ ރަށުގެ ގެތަކަށް ރައްކާތެރި ފެން ފޯރުކޮށްދޭނެ އެވެ.

ފައިނުގައި ކުރިއަށްދާ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 5.06 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކުރާނެ އެވެ. އަދި 943 މީޓަރުގެ ޕަންޕިން ލައިން އެޅުމުގެ އިތުރުން ނަރުދަމާގެ އިދާރީ ބިލްޑިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލެއް ގާއިމް ކުރުން މި މަޝްރޫގައި ހިމެނެ އެވެ. އަދި ގެތަކުގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދޭނެ އެވެ.

މީގެ އިތުރުން ފައިނުގައި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްއީން ވަނީ ބުނެފަ އެވެ.