03 އޯގަސްޓް 2021 - 13:05

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމާ ދެކޮޅަށް ވަރަށް ފާޅުގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ވާހަކަ ދައްކާ މީހުންގެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ސަރުކާރުން ބާރުއަޅަމުންދާ މި ދަނޑިވަޅުގައި ބައެއް މީހުން ވެކްސިން ޖެހުމަށް ދެކޮޅާ ވާހަކަ ދައްކަމުން އެބަދެ އެވެ. މިފަހުން ކްލަބްހައުސްގައި ބޭއްވި ސެޝަނެއްގައި ވެސް ބައެއް މީހުން ވަނީ ވެކްސިން ޖެހުމަށް ސަރުކާރުން އާންމުންނަށް މަޖުބޫރުނުކުރެވޭނެ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އަދި ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމުގެ ޔަގީންކަން ނެތް ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުންޏެވެ.
އެހާ ފާޅުގައި ވެކްސިނާ ދެކޮޅަށް އަޑު އުފުލަމުން އަންނައިރު އެކަމުގައި ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވެކްސިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކްލަބްހައުސްގައި ބޭއްވި ސެޝަނެއްގައި ބައިވެރިވި ބަޔަކު ވެކްސިނާ ދެކޮޅަށް ވާހަކަ ދެއްކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ނޫން ގޮތަކަށް ސްކޫލުތަކަށް ވަދެ ނިކުމެ ނުހެދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނަކާ ވެސް ގުޅިގެންނެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އޭގައި ބައިވެރިވި މީހަކު ވަނީ ސިއްހަތަށް ގެއްލުންވާ ކަމަށް ސިނގިރޭޓް ފޮށީގެ ބޭރުގައިވާއިރު ވެސް ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރެވޭ ކަމަށާއި އެހާ ނުރައްކާތެރި އެއްޗެއް އެތެރެ ކުރާއިރު އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެ ވެކްސިން ޖެހުން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ކޮވިޑަކީ ގައިންގަޔަށް އަރައި ބައްޔެއް ކަމުން ބަލި ޖެހުމުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެ އެވެ. އަދި އެ މީހަކާ ކޮންޓެކްޓްވާ މީހުން ވެސް އެކަހެރިކޮށް ދަނީ ޓެސްޓްކުރަމުންނެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ރާއްޖޭގައި ބަލި ފެތުރެމުން އަންނައިރު މިހާތަނަށް 77،633 މީހަކަށް ބަލިޖެހިފައިވެ އެވެ.
ބަލިން ރައްކާތެރިވުމަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓަށް މި މަހުގެ ނިޔަލަށް ވެކްސިން ޖެހުމަށް އަމާޒު ހިފައި ސަރުކާރުން ޕްރޮގްރާމެއް ފަށާފައިވާއިރު މިހާތަނަށް އާބާދީގެ ދެބައިކުޅަ އެއްބައި ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އެއީ 271،552 މީހުންނެވެ.
ވީހާވެސް އަވަހަށް ގިނަ ބަޔަކަށް ވެކްސިން ޖަހައި އާންމު ހާލަތަށް ރުޖޫއަވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ވެކްސިން ފުރިހަމަކުރާ މީހުންނަށް ދަނީ ލުއިދެމުންނެވެ. ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ކަރަންޓީނު ނުވެ މިހާރު ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަދީފައިވާއިރު ސަރުކާރުން އަންނަނީ އޮފީސްތަކުން ހިދުމަތް ހޯދުމުގައި ވެސް އެފަދަ މީހުންނަށް ލުއިތައް ދިނުމަށް މަޝްވަރާކުރަމުންނެވެ. އެކަމަކު ވެކްސިން ފުރިހަމަ ނުކުރާ ނަމަ، ދޭ ލުއިތަކުން އިސްތިސްނާވާނެ އެވެ.