03 އޯގަސްޓް 2021 - 12:33

ވޫހާން (އޮގަސްޓް 3) - ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީން، ޑެލްޓާ ވޭރިއަންޓް ފެނި، މުޅި ސިޓީގެ އާބާދީ ޓެސްޓް ކުރަން ނިންމައިފި އެވެ.
ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ފެތުރޭ ކޮވިޑުގެ ޑެލްޓާ ވޭރިއަންޓް ޗައިނާގެ އެކި ސިޓީތަކުން ފެނި 10 ދުވަސްތެރޭ ވަނީ 300 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. ޗައިނާގެ 15 ޕްރޮވިންސް އިން ވަނީ ޑެލްޓާ ވޭރިއަންޓް ފެނިފަ އެވެ.
ޖޫން 2020 އިން ފެށިގެން ވޫހާން އިން ކޮވިޑްގެ ލޯކަލް ޓްރާންސްމިޝަނެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ޑިސެމްބަރު 31، 2019 ގައި ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުނު ނަމަވެސް ޗައިނާ އިން ވަނީ ޕޮޒިޓިވް ރޭޓް ގާތްގަނޑަކަށް ސުމަކަށް ތިރިކޮށްފަ އެވެ. ނަމަވެސް ނަންޖިން އެއާޕޯޓުގެ މަސައްކަތު މީހުންގެ ފަރާތުން ޑެލްޓާ ވޭރިއަންޓް ފެނުނު ފަހުން ގައުމުގެ އެކި ހިސާބުތަކުން ވަނީ ކޭސްތައް އިތުރުވާން ފަށައިފަ އެވެ. ނަންޖިންގެ 9.2 މިލިއަން މީހުން މިހާރު ވަނީ ޓެސްޓް ކޮށްފަ އެވެ. ކޮވިޑުގެ ރޯގާ އެންމެ ފުރަތަމަ ފެތުރުނު ދުވަސްވަރު ފުލް ލޮކްޑައުންގައި އޮތް ވޫހާން ސިޓީގެ 11 މިލިއަން މީހުން ކޮވިޑަށް ޓެސްޓް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
ކޮވިޑް ކޭސްތައް ޗައިނާގައި އިތުރުވާން ފެށުމުން އެ ގައުމުގެ ރެސްޕިރޭޓަރީ ޑިޒީޒް ސްޕެޝަލިސްޓް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
ޗައިނާ އިން ކޮރޯނާވައިރަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 93,103 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 98 އެވެ.
ޗައިނާ އިން ބުނެފައި ވަނީ މިހާތަނަށް 1.6 ބިލިއަން ޑޯޒް ވެކްސިން ޖަހާފައިވާ ކަމަށެވެ. ޗައިނާގައި އާއްމުކޮށް ޖަހަނީ ސިނޮވެކް އާއި ސިނޮފާމް ވެކްސިނެވެ. ކްލިނިކަލް ޓްރަޔަލްތަކުން ދައްކާ ގޮތުގައި މި ދެ ވެކްސިން އިން ރައްކާތެރިކަން ލިބޭ ނިސްބަތަކީ 50-79 ޕަސެންޓެވެ. ނަމަވެސް ވެކްސިން ޖެހުމުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުމާއި ހާލު ދެރަވުން ފަދަ ހާލަތަކަށް ދިއުމުން ސަލާމަތްކޮށްދޭ ކަމަށްވެ އެވެ.