04 އޯގަސްޓް 2021 - 17:05

އެކި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުޑަކުދިން، އެ ކުދިންގެ އާއިލާއާ އަލުން ހަވާލުކުރުމުގެ މަސައްކަތް ވިލަރެސްކޮށް ލަފާދޭ ކޮމިޓީއަށް ގެނައި ބަދަލުތަކާ މެދު، ބައެއް ފަރާތްތަކުން ހިތްހަމަނުޖެހިއްޖެ އެވެ.
އެކި ނަންނަމުގައި މީގެ ކުރިން ވެސް، އެ ކުދިން ބޭނުންވެގެން ހުށަހަޅާ އާއިލާތަކަށް ކުދިން ހަވާލުކުރުމާއި އެ ކުދިންގެ އަސްލު އާއިލާއާ އަލުން ހަވާލުކުރުމުގެ މަސައްކަތްތައް ކުރަން ޕެނަލްތައް އުފައްދައި މަސައްކަތްކުރި އެވެ. އެކަމަކު އޭރު އެކަން ކުރީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭގޮތަށް ކަމާ ގުޅުންހުރި އެކި ފަރާތްތައް ބައިވެރިކޮށްގެންނެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ މަހު އާއްމުކުރި "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާ ބެހޭ ގަވައިދު" ގައި ވާ ގޮތުން އެ ކުދިން އާއިލާތަކާ ހަވާލުކުރުމާ ބެހޭ ކަންކަން ހިންގުމުގައި ޖެންޑާ މިނިސްޓްރީ އަށް ލަފާދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ އެ ކޮމިޓީންނެވެ.
ފަސް މެމްބަރުންގެ މި ކޮމިޓީގައި ތިބޭނީ ޖެންޑާ މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކޭސް މެނޭޖްމަންޓުގެ އިސް މުވައްޒަފަކާއި ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ މުވައްޒަފަކާއި ގާނޫނީ ވަކީލަކާއި ސައިކޮލޮޖިސްޓެއްގެ އިތުރުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ އިސް މުވައްޒަފެއް ހިމެނެ އެވެ. ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސެކްރެޓޭރިއޭޓެއް ވެސް މިިނިސްޓްރީން އައްޔަން ކުރަންޖެހޭނެ އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ ނާޒުކު ހާލަތުގައި ތިބި ކުދިން ކަމަށެވެ. އެހެންވެ، އެ ކުދިން އާއިލާއާ ހަވާލުކުރުމަކީ ބޮޑު ޒިންމާއެއް ކަމަށާއި އެއީ އެއް އިދާރާއެއް ބައިވެރިވެގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެ ކުއްޖާއަށް ތައުލީމު ފޯރުކޮށްދެވޭކަން ކަށަވަރުކޮށްދޭންޖެހޭ. އެ ކަންކަމުގައި ސިވިލް ސޮސައިޓީގެ ބައިވެރިވުން އޮންނަންޖެހޭނެ. އެހެންނޫނީ ކޯޑިނޭޝަންގެ މައްސަލަތައް ޖެހޭނެ. އަނެއް ކަންބޮޑުވުމަކީ، ވަރަށް ޓްރަބްލް ބެކްގްރައުންޑަކުން މި ކުދިން މި އަންނަނީ. އަހަރުތަކެއް ފަހުން އާއިލާއާ ހަވާލުކުރާއިރު ކުދިންގެ ހާލަތު ޔަގީންކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޑަކުއްޖަކާ ގުޅޭ ކަމެއް ނިންމާއިރު އިސްކަންދޭންޖެހޭނީ އެ ކުއްޖާގެ މަސްލަހަތަށް ކަމަށެވެ. ނަމަވެސް އެއް ފަރާތަކުން ބައިވެރިވެގެން ކުދިން، އާއިލާއާ ހަވާލުކުރުމުގެ ކަންކަން ރަނގަޅަށް ނުބެލޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދައުލަތުގެ އެހެން އިދާރާތައް އިނީމަ ޗެކް އެންޑް ބެލެންސް އެބަވޭ. މީގެ ކުރީގައި ހިނގާފައި ހުރި ހާދިސާތަކުން ކުޑަ ކުއްޖާ ވަރަށް ކުޑައިރު ދައުލަތަށް މި ނަގަނީ. އެކަމަކު ކުއްޖާ ބޮޑުވީމަ އާއިލާއިން ގެންދަން ބޭނުންވޭ. އަނބުރާ ގެއަށް ގެންގޮސް އަނެއްކާ ކުއްޖާއަށް އަނިޔާކުރުމުން ދައުލަތަށް ނަގަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ހައްގުގެ ގާނޫނު އެކުލަވާލާފައިވަނީ ޖަމިއްޔާތަކާ ގުޅުން ބަދަހިކޮށް، ގުޅިގެން މައްސަލަތައް ހައްލުކުރުމަށެވެ. އެހެންވެ، ދައުލަތުން ބަލަހައްޓާ ކުދިން އާއިލާއާ ހަވާލުކުރުމުގެ ކަންކަން ހަމައެކަނި މިނިސްޓްރީން ކުރުމަކީ އެ ގާނޫނުގެ ރޫހާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.