03 އޯގަސްޓް 2021 - 11:23

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވި ކަމަށް ބުނާ މައްސަލައިގައި ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
މުއިއްޒުގެ މައްޗަށް ދައުވާ ކުރަނީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ނެދަލޭންޑްސްގައިި ހުންނަ ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި ދޮޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި މިއަދު ހެނދުނު 10:30 އަށް ތާވަލުކޮށްގެން ބޭއްވި އަޑުއެހުމުގައި، މުއިއްޒަށް ހުރިހާ ލިޔުންތަކެއް ހަމައަށް ލިބިވަޑައިގެންފައިވޭތޯ ގާޒީ ސަފްއަތު ހަބީބު ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވީ، އެކަމަށް ޖަވާބެއް ދެއްވޭނީ ވަކީލެއް އައްޔަން ކުރުމަށް ފަހު ކަމަށެވެ.
ވަކީލަކު ހަމަޖައްސަން ގާނޫނުން ތަންދޭ އެންމެ ދިގު މުއްދަތެއް ދިނުމަށް މުއިއްޒު އެދިވަޑައިގަތެވެ.
އެކަމަށް ދައުލަތުގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ސަފްއަތު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ފުރުސަތު ދިނުމަށް އިއުތިރާޒު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން ގާޒީ ނިންމެވީ ވަކީލަކު ހަމަޖެއްސުމަށް މުއިއްޒަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާށެވެ.
ދެން އޮންނަ އަޑުއެހުމެއްގައި މައްސަލައިގެ ތާވަލެއް ވެސް ކަނޑައަޅުއްވާނެ ކަމަށް ސަފްއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހުށަހެޅި މި މައްސަލައިގެ އަޑުއެހުންތައް ލަސްވެފައި ވަނީ، މައްސަލައާ ހަވާލުވި ފުރަތަމަ ގާޒީ އެހެން ކޯޓަކަށް ބަދަލުވުމުންނާއި ދެން ހަވާލު ކުރި ގާޒީ އަމިއްލައަށް ތަނާޒުލްވުމުންނެވެ. ސަފްއަތަކީ މި މައްސަލަ ހަވާލު ކުރި ތިން ވަނަ ގާޒީ އެވެ.
މުއިއްޒަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އެއަށް ވުރެ އަދަބު ބޮޑުވުމުގެ ނުވަތަ ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
އާބިޓްރޭޝަނަށް މުއިއްޒު ބަޔާން ދެއްވި މައްސަލާގައި މީގެ ކުރިން އޭނާ ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރުކޮށް ސުވާލުކުރި އެވެ.