މުޒާހަރާގައި ބައިވެރިވެގެން ވަޒީފާއިން ކަނޑާލި ފެނަކައިގެ ހަތަރު މުވައްޒަފަކަށް ތިން ލައްކައެއްހާ ރުފިޔާ ދީފި
މުޒާހަރާގައި ބައިވެރިވެގެން ވަޒީފާއިން ކަނޑާލި ފެނަކައިގެ ހަތަރު މުވައްޒަފަކަށް ތިން ލައްކައެއްހާ ރުފިޔާ ދީފި

މިދިޔަ އަހަރުގެ މޭ 1 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ބައިވެރިވި ތިން މީހަކާއި ސަރުކާރާ އިދިކޮޅު އެެހެން މުޒާހަރާއެއްގައި ބައިވެރިވި މީހަކު ވަޒީފާ އިން ވަކި ކުރުމުން ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު ޖުމްލަ 286،112.39 ރުފިޔާ ފެނަކަ ކޯޕަރޭޝަނުން ދައްކައިފި އެވެ.

މޭ ޑޭގެ މުޒާހަރާގައި ބައިވެރިިވެގެން ފެނަކަ ކޯޕަރޭޝަނުން ކަނޑާލީ އެ ކުންފުނީގެ ރ. އިނގުރައިދޫ ބްރާންޗުގެ ޓެކްނީޝަނެއްގެ ވަޒީފާގައި ހުރި އެ ރަށު ކުރެދިވަރުގޭ އިސްމާއިލް އަބްދުއްރަޝީދާއި ނ. ޅޮހީ ބްރާންޗުގެ ޓެކްނީޝަނެއްގެ ވަޒީގައި ހުރި އެ ރަށު ސަމީރީ ހިޔާ އަބްދުﷲ ނަސީރާއި ރ. އަލިފުށި ބްރާންޗުގެ ޓެކްނީޝަނެއްގެ ވަޒީފާގައި ހުރި އެ ރަށު ވެލާނާގޭ ހަސަން އަހުމަދެވެ.

މިދިޔަ އަހަރުގެ މޭ 3 ގައި އެ ތިން މީހުން ވަޒީފާ އިން ވަކިކޮށްފައިވަނީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ފެނަކަ އިން އެ ނިންމުން ނިންމާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން، އެއީ ވަޒީފާ އިން ވަކިވެފައިވާ ބައެއް ކަމަށް ނުބެލުމަށާއި އަދި ވަޒީފާ އިން ވަކިކޮށްފައިވާ މުއްދަތަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަނީ އަންގައިފަ އެވެ.

ފެނަކަ އިން ވަނީ އިސްމާއީލް އަށް 73،797.30 ރުފިޔާ، އަބްދުﷲ ނަސީރަށް 69،535.81 ރުފިޔާ އަދި ހަސަން އަހުމަދަށް 60،266.66 ރުފިޔާ ދައްކައިފަ އެވެ.

އެ ތިން މީހުންގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެގެން، ފެނަކައިގެ ރ. ހުޅުދުއްފާރު ބްރާންޗުގެ ޓެކްނީޝަނެއްގެ ވަޒީފާގައި ހުރި އެ ރަށު މީޒާން މުހައްމަދު އިބްރާހިމް ވެސް ވަނީ ވަކިކޮށްފަ އެވެ. އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން ވެސް ނިންމީ ފެނަކަ އިން އެ ނިންމުން ނިންމާފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން، އެއީ ވަޒީފާ އިން ވަކިވެފައިވާ ބައެއް ކަމަށް ނުބެލުމަށާއި އަދި ވަޒީފާ އިން ވަކިކޮށްފައިވާ މުއްދަތަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަނީ އަންގައިފަ އެވެ.

އެ ނިންމުމާ އެއްގޮތަށް، ފެނަކަ އިން ވަނީ މުހައްމަދު އިބްރާހިމަށް 82،512.62 ރުފިޔާ ދައްކައިފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވީ އެ ހަތަރު މީހުންނަށް ދައްކަންޖެހޭ ފައިސާ މިދިޔަ ބުދަ ދުވަހު ދައްކާފައިވާ ކަމަށެވެ. އެ ފައިސާ ދެއްކީ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފްކޮށް، އެ މަރުހަލާ ވެސް ނިމިފައިވާތީ، ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކުންފުންޏާ ހަވާލުވެފައި އައުޓްސްޓޭންޑިން ބިލްތައް ބަލަމުން ދިޔަ އިރު، އެ ފައިސާ ދައްކަން އޮތްކަން ފާހަގަކުރެވުނީ. އެހެންވެ، އެ ފައިސާ މިހާރު ވާނީ ދައްކާފައި،" ޝަރީފު ވިދާޅުވި އެވެ.