02 އޯގަސްޓް 2021 - 19:25

ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާ ފަދަ ހާލަތެއް މިވަގުތު ނެތް ކަމަށާއި ގައުމިއްޔަތަށް ނުރައްކާވެ، ރައްޔިތުން ނިކަމެތިވާ ހިސާބަސް ގޮސްފި ނަމަ އިސްވެ ނުކުންނާނެ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އަދާލަތު ޕާޓީން މިއަދު ރައްދުދީފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ޕާޓީ އަދާލަތުން މިހެން ބުނީ، ގައުމު މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިންގެ ދައުވަތު ލިބުމުންނެވެ. ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް އެ ދައުވަތު ވަނީ ދީފަ އެވެ. ދެން ދައުވަތު ދިނީ ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އަށެވެ.
އަދާލަތު ޕާޓީގެ އިސްތަރުޖަމާނު އަަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "މިހާރު" އަށް މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތަށް ގެއްލުންވާ ހާލަތެއްގައި ވަކި ބަޔަކު ދައުވަތު ދެންދެން އަދާލަތުން މަޑުނުކުރާނެ ކަމަށެވެ،
"މާޒީގައި އަޅުގަނޑުމެން އެކަން ސާބިތުކޮށްދީފިން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު އެފަދަ ހާލަތެއް ނެތް ކަމަށާއި ގައުމު ހަލަބޮލިކޮށްލަން އެކި ނަންނަމުގައި މަސައްކަތްކުރުމުގެ ބަދަލުގައި، ހުރިހާ ޕާޓީތަކަކުން ވެސް ވިސްނަންވީ ކޮވިޑްގެ ވަބާ އިން އަރައިގަތުމަށްޓަކައި ގުޅިގެން މަސައްކަތް ކުރަން ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"މިވަގުތު ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާ ފަދަ ހާލަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ފަށާފައިވާ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް ނަޝީދުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މިހާރު އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިސް މެމްބަރު ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގަންނަވަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކެމްޕެއިން އިފުތިތާހުކުރި ޖަލްސާގައި ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް އެމްޑީޕީ އަށާއި ރައީސަށާއި ނަޝީދާއި ނާޒިމް އަދި އުމަރަށް ރަސްމީ ދައުވަތެއް ނުފޮނުވަ އެވެ.
ޕީޕީއެމްގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މިހާރު ގައުމުގެ މިނިވަންކަން އޮތީ ނާޒުކް ހާލަތަކަށް ގޮސްފައި ކަމަށާއި ގައުމު ސަލާމަތްކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.