އިއްޔެ އައި 5،000 ޓޫރިސްޓުންނާ އެކު ރެކޯޑެއް!
އިއްޔެ އައި 5،000 ޓޫރިސްޓުންނާ އެކު ރެކޯޑެއް!

ރާއްޖެ އަށް ކޮވިޑް އައި ފަހުން، އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރި ދުވަހަކަށް އިއްޔެ ވެއްޖެ އެވެ.

އިއްޔެ އައި ޓޫރިސްޓުންގެ އަދަދު 5،300 އަށް އަރާފައިވާއިރު، މިއީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު ބޯޑަރު އަލުން ހުޅުވައިލުމާ އެކު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ދުވަހެވެ.

ޓޫރިސްޓް އެރައިވަލްގެ ރެކޯޑެއް ހެދި އިރު ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ މެއި މަހު 11 އިން ފެށިގެން މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އުޅުނީ އެވްރެޖްކޮށް 1،500-2،000 އާ ދެމެދުގަ އެވެ. އެކަމަކު، މިދިޔަ މަހުން ފެށިގެން އަނެއްކާ ވެސް ދުވާލެއްގެ މައްޗަށް ޓޫރިސްޓުން އަންނަ އަަދަދު ވަނީ 3،000 އިން މައްޗަށް އަރައިފަ އެވެ.

ކޮންމެ ހަފުތާއަކު ވެސް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް އަންނަނީ ހޮނިހިރާއި އާދިއްތަ ދުވަހު އެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް ހަ ލައްކަ ޓޫރިސްޓުން އައިސްފައިވާއިރު، މިއީ ކޮވިޑްގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި ޓޫރިސްޓުންނަށް ވުރެ ތިން ލައްކަ މަދު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ތިން ލައްކަ ޓޫރިސްޓުން އިތުރު އަދަދެކެވެ.

ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދުގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އިރު، މިދިޔަ މަހު ވަނީ އަލުން އަނެއްކާ ވެސް ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަ ށް ޓޫރިސްޓުން އާދެވޭނެ ގޮތަށް ބޯޑަރު ހުޅުވާލައިފަ އެވެ. އެ ސަރަހައްދުން ރާއްޖެ އަށް ޓޫރިސްޓުން އައުން އަލުން ހުޅުވައިލީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ގާތްގަނޑަކަށް ދެ މަސް ވަންދެން އެ ގައުމުތަކަށް ރާއްޖެ ބަންދުކޮށްފައި ބޭއްވުމަށް ފަހު އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔައީ އިންޑިޔާއިންނެވެ. އެއީ މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މެއި މަހާ ހަމައަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހިސާބަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަމުން އައި ގައުމެވެ.

މި ވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިންނެވެ. އަދި ދެވަނަ އަށް އިންޑިއާ، ތިން ވަނަ އަށް ލިސްޓުގައި ހިމެނެނީ ޖަރުމަނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިހާރު ހާލަތު އޮތް ގޮތުން މިކަން ހާސިލުވުމުގެ ފުރުސަތު ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.