27 ނޮވެމްބަރ 2016 - 19:45

ވަޒީފާތަކަށް ނުކުތުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ މުހިންމު ކަންކަމަށް މީހުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް އެވިޑް ކޮލެޖުން ފެށުމަށް ނިންމައިފި އެވެ.
އަންނަ ހަފުތާގެ އާދިއްތަދުވަހުން ފެށިގެން ބުރާސްފަތިދުވަހުގެ ނިޔަލަށް "ޕްރީ ކޮލެޖު އެންހޭސްމަންޓް ޕްރޮގްރާމް"ގެ ނަމުގައި ބާއްވާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހޮނިހިރުދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޕާސަނަލިޓީ މެނޭޖްމަންޓް، ސްޓަޑީ ސްކިލްސް އަދި އިންޓަވިއުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހިމެނެ އެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލުގައި ހެދުން އަޅާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް ކިޔައިދޭނެ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
"މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ސެޓްފިކެޓް ވެސް ދެވިގެންދާނެ. ބޭނުމަކީ ވަޒީފާ އަށް ކުރިމަތިލުމަށާއި ދަރިވަރުން ކުރިއަށަށް ދާން ގަސްދު ކުރާ ރޮނގެއް ހިޔާރު ކުރުމަށް ފަސޭހަވުމާއި ކުރިއަށް ދިއުމަށް އިތުރަށް ފަސޭހަވެގެން ދިއުން،" ސީނިއާ މާކެޓިން މެނޭޖަރު އަހުމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ. ނަމަވެސް ބޮޑަށް އަމާޒުކުރަނީ ސްކޫލު ނިންމާ ދަރިވަރުންނަށް ކަމަށް އަހުމަދު އަލީ ވިދާޅުވި އެވެ.
ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން އެވިޑް ކޮލެޖުގެ ހޮޓްލައިން 7803228 ނަމްބަރަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.