02 އޯގަސްޓް 2021 - 14:02

ތޫނިސްގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް، ރައީސް ގައިސް ސައީދު ވެރިކަމުގެ ހުރިހާ ބާރުތަކެއް ނަންގަވާފައިވާ މައްސަލައިގައި، ތޫނިސްގެ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެނައުމަށް، ތުރުކީ ވިލާތާއި އަލްޖީރިއާ އިން މަސައްކަތް ފަށައިފި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ތޫނިސްގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވޭނެ ގޮތެއް އޮތްތޯ ބެއްލެވުމަށް ތޫނިސްގެ ރައީސް ގައިސް ސައީދުއާ އެކު މަޝްވަރާ ކުރެއްވުމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އާއި އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތަބޫން ގެންދަވަނީ ބައްދަލުވުމެއް އިންތިޒާމު ކުރައްވަމުންނެވެ.
ބޮޑަށް ބެލެވޭ ގޮތުގައި މި ބައްދަލުވުން ބޭއްވޭނީ އަލްޖީރިއާގަ އެވެ. އަލްޖީރިއާގެ ރައީސްގެ ގަނޑުވަރުން އާންމު ކުރި ބަޔާނެއްގައިވާ ގޮތުން، ތިން ބޭފުޅުންގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް، އަލްޖީރިއާގެ ރައީސް، އަބްދުލްމަޖީދު ތަބޫން އިސް ނަންގަވައިގެން އިއްޔެ ވަނީ، އަނެއް ދެ ބޭފުޅުންނާ އެކު ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ.
ތިން ރައީސުންގެ ބައްދަލުވުމުގެ ކުރިން، ތުރުކީގެ ހާރިޖީ ވަޒީރު ޖާވީޝް އޯގްލޫ އާއި އަލްޖީރިއާގެ ހާރިޖީ ވަޒީރު ރަމްތާން ލައުމާމްރާގެ ބައްދަލުވުމެއް އޮންނާނެ އެވެ.
ތިން ރައީސުންގެ ބައްދަލުވުމެއް ބޭއްވުމަށް އަލްޖީރިއާ އާއި ތުރުކީން މަސައްކަތް ކުރާ އިރު، ތޫނިސްގެ ރައީސް ގައިސް ސައީދު ކަންތައް ކުރެއްވި ގޮތާ މެދު އަލްޖީރިއާ ސަރުކާރު ހިތްހަމައެއް ނުޖެހެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، ބޮޑުވަޒީރު މަގާމުން ދުރުކޮށް އަދި ޝަރުއީ ނިޒާމު ވެސް ރައީސްގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން އަލްޖީރިއާ އިން ވަނީ ގައިސް ސައީދަށް ފާޑު ކިޔައިފަ އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ތޫނިސްގެ ރައީސްގެ އެ ނިންމެވުންތަކަކީ، މިސްރާއި އެމިރޭޓްސްގެ ރުހުން ލިބިގެން އެ ދެ ގައުމާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވި ނިންމެވުންތަކެކެވެ. ތޫނިސްގެ ދާހިލީ މައްސަލައެއްގެ ތެރެއަށް މިސްރުން ނުފޫޒު ފޯރުވާތީ ވެސް އަލްޖީރިއާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
މި މައްސަލައިގައި އަލްޖީރިއާ ހިތްހަމަނުޖެހެނީ، ލީބިޔާގެ ދާހިލީ ހަނގުރާމައިގައި މިސްރުން ބައިވެރިވެ، ލީބިޔާގައި އިތުރު ހަމަނުޖެހުންތައް އުފެދިފައިވާތީ އެވެ. ލީބިޔާގެ ހަނގުރާމައިގައި މިސްރާއި އެމިރޭޓްސް އިން މަދަދު ފޯރުވައިދިނީ، ކުރީގެ ޖެނެރަލް ހަލީފާ ހަފްތަރަށް ވަފާތެރި ހަނގުރާމަވެރިންނަށެވެ.