ކޮވިޑްގެ ކޭސްތައް ގިނަވެ ކުޅުދުއްފުށީގައި އިތުރު ފިޔަވަޅުތައް އަޅައިފި
ކޮވިޑްގެ ކޭސްތައް ގިނަވެ ކުޅުދުއްފުށީގައި އިތުރު ފިޔަވަޅުތައް އަޅައިފި

ކޮވިޑް ފެތުރޭތީ އަރައިފޭބުން މަނާކޮށްފައި އޮތް ކުޅުދުއްފުށީގައި ކޮވިޑްގެ ކޭސްތައް ގިނަވަމުންދާތީ އެރަށު ސިޓީ ކައުންސިލުން ރައްކާތެރިކަމުގެ ފިޔަަވަޅުތައް ވަރުގަދަކޮށްފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ޕާކުތަކާއި އާންމު ތަންތަން ބަންދުކޮށްފައިވާތީ އެތަންތަނަށް ނުދިއުމަށާއި މޫދަށް އެރޭ ސަރަހައްދާއި މޫދަށް، ގްރޫޕު ހަދައިގެން ނުދިއުމެވެ. އަދި ގުރޫޕު ހަދައިގެން މަގުމަތީ ނޫޅުމަށް އަންގާފައިވާއިރު ޒަރޫރީީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް ވެސް ކައުންސިލުން އަންގާފައިވެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި އެދިފައި ވަނީ ކަރަންޓީނުގައި ތިބި މީހުން ވެސް ކަރަންޓީނުގެ އުސޫލަށް ތަބާވުމަށާއި ބޭރަށް ދާއިރު އެންމެން ވެސް މާސްކް އަޅައިގެން އުޅުމަށެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އާންމުންގެ އެެއްބާރުލުން ބޭނުންވާތީ އާންމުންގެ ރައްކާތެރިކަމަށްޓަކައި ރަށުގައި އަޅާފައި ފިޔަވަޅުތަކާއި ކަމާގުޅޭ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ވެސް ސިޓީ ކައުންސިލުން އިލްތިމާސްކުރެ އެވެ.

ކުޅުދުއްފުށީގައި ކޮވިޑް ޖެހިފައިވާ 51 މީހަކު މިވަގުތު އެބަ ތިއްބެވެ. އެއީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 18 މީހެއްގެ ސާމްޕަލުން އިއްޔެ ޕޮޒިޓިވްވި ހަތް މީހުންނާ އެކު އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ރޯގާގެ އަލާމާތްތައް ހުރި މީހުން ލަސްނުކޮށް ސާމްޕަލް ނެގުމަށް އެދިފަ އެވެ. ލަސްނުކޮށް ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.