ބޮޑު ހިލަތައް ޕޮލިސް އެކަޑެމީ އަށް ގެންދިޔައީ ސިޓީ ކައުންސިލުން އަންގައިގެންނެއް ނޫން: އައްޑޫ މޭޔަރު
ބޮޑު ހިލަތައް ޕޮލިސް އެކަޑެމީ އަށް ގެންދިޔައީ ސިޓީ ކައުންސިލުން އަންގައިގެންނެއް ނޫން: އައްޑޫ މޭޔަރު

އައްޑޫ ފޭދޫގެ ހިއްކި ބިމުގައި ޖެހުމަށް ފަހު، ބާކީ ހުރި ބޮޑު ހިލަތައް އައްޑޫގައި އިމާރާތްކުރާ ޕޮލިސް އެކެޑަމީ އަށް ގެންދަން އުޅުނީ ޕްލޭނިން މިނިސްޓްރީން ހުއްދަ ހޯދައިގެން އެ މަސައްކަތް ކުރާ ކުންފުނިން ކަމަށާއި އެއީ ކައުންސިލުން އަންގައިގެން ކުރި ކަމެއް ނޫން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑު ހިލަތައް ޕޮލިސް އެކަޑެމީ އަށް ގެންދިޔައީ ސިޓީ ކައުންސިލުން އަންގައިގެންނެއް ނޫން: އައްޑޫ މޭޔަރު
ބޮޑު ހިލަތައް ޕޮލިސް އެކަޑެމީ އަށް ގެންދިޔައީ ސިޓީ ކައުންސިލުން އަންގައިގެންނެއް ނޫން: އައްޑޫ މޭޔަރު

ޕޮލިސް އެކެޑަމީ އަށް މި ބޮޑު ހިލަތައް ގެންދަން ފެށުމުން، އެކަމާ ދެކޮޅަށް ފޭދޫގައި އާންމުންގެ ބަޔަކު އިއްޔެ ވަނީ މުޒާހަރާ ކޮށްފަ އެވެ. އެކަން ކުރަނީ އައްޑޫގެ މޭޔަރު އަޑީގައި ހުންނަވައިގެން ކަމަށް ތުހުމަތުކޮށް، އޭނާގެ އިސްތިއުފާ އަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވި އެވެ. ނިޒާރު އެންމެ ފަހުން ވަނީ މުޒާހަރާ ކުރި ތަނަށް ވަޑައިގެން، އާންމުންނާ ވާހަކަ ވެސް ދައްކަވައިފަ އެވެ.

ނިޒާރު މިއަދު "މިހާރު" އަށް ވިދާޅުވީ ޕޮލިސް އެކެޑަމީ އަށް އެ ބޮޑު ހިލަތައް ގެންދަން އުޅުނީ ފޭދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރި ކުންފުންޏާއި ޕޮލިސް އެކެޑަމީ އިމާރާތްކުރާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެކަމުގައި އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް ނިންމުމެއް ނޯންނާނެ ކަމަށެވެ.

"އެހާ ގިނަ ދުވަހު އެ ހިލަތައް އެތަނުގައި ބަހައްޓާފައި ހުރުމުން ބިމަށް ދައްކަން ޖެހޭ ކުލި ދައްކައިފައި، ޕްލޭނިން މިނިސްޓްރީން ހުއްދަ ނަގައިގެން އެ ކުންފުނިން ހިލަތައް ގެންދިޔައީ،" ނިޒާރު ވިދާޅުވި އެވެ.

އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމުން ހިލަތައް ގެންދިއުމުގެ މަސައްކަތް ވެސް އެންމެ ފަހުން ވަނީ މަޑުޖައްސާލައިފަ އެވެ.

ފޭދޫގެ ހިއްކި ބިމުގައި ބޮޑު ހިލަ ޖެހީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ މަސައްކަތް ނިންމުމަށް ފަހު، ބާކީވި ހިލަތައް އެތަނުގައި ހުންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

އިންޑިއާގެ އެހީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑެމީގެ 89 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރާތިޝް މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.