02 އޯގަސްޓް 2021 - 12:02

މެޑްރިޑް (އޯގަސްޓް 2) - ރެއާލް މެޑްރިޑުގެ މިޑްފީލްޑާ މާޓިން އޮޑެގާޑް އަށް ގިނަ ފުރުސަތު ދޭނެ ކަމަށް، އެ ޓީމުގެ މިހާރުގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނެފި އެވެ.
ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން މިދިޔަ ފަސް އަހަރު ވެސް އޮޑެގާޑް ހޭދަކުރީ ލޯން އުސޫލުން އެހެން ޓީމުތަކުގަ އެވެ. މިދިޔަ ދެ ސީޒަނަކީ ލޯން އުސޫލުން އޭނާ ކުޅުނު ކްލަބުތަކުގައި މޮޅު ކުޅުމެއް ދެއްކި ދެ ސީޒަނެވެ. އެގޮތުން މިދިޔަ ދެ ސީޒަންގައި ރެއާލް ސޮސިއެޑާޑް އަދި އާސެނަލްގައި އޮޑެގާޑްގެ ދައުރު ފެނުނީ ބޮޑުކޮށެވެ.
ކުރިއަށް އޮތް ސީޒަންގައި ވެސް ލޯން އުސޫލުން އޭނާ ގެންދިއުމަށް އާސެނަލް އިން ޝައުގުވެރިވެ އެވެ. އާސެނަލްގެ ކޯޗް މިކެލް އާޓެޓާ އެ ޓީމުގައި ބިނާ ކުރާ ޕްރޮޖެކްޓުގައި އޮޑެގާޑް ހިމަނަން އާސެނަލް ބޭނުން ވެ އެވެ. އާސެނަލް އިން ތިބީ އޭނާ ގަންނަން ވެސް ތައްޔާރަށެވެ. ނަމަވެސް މި ވަގުތު އެ ޓީމުން މަސައްކަތް ކުރަނީ ލޯން ޓްރާންސްފާ އަކަށެވެ.
ރެއާލްގައި އޮޑެގާޑް އަށް ފުރުސަތު ނުލިބިދާނެ ކަމުގެ ބިރު އޮތުމުން، އޭނާ ވެސް ހުރީ އާސެނަލްގެ ފުރުސަތު ބޭނުން ކުރަން ތައްޔާރަށެވެ. ނަމަވެސް އަންޗެލޯޓީ ވަނީ އޮޑެގާޑް ޓީމުގައި މަޑު ކުރުވަން ބާރު އަޅައިފަ އެވެެ. އަދި ރެއާލްގައި އޭނާ އަށް މީގެ ކުރިން ފުރުސަތު ނުލިބުނަސް އާ ސީޒަންގައި ފުރުސަތު ދޭނެ ކަމަށް އަންޗެލޯޓީ ބުނެފައިވާ ކަމަށް "އޭބީސީ"ން ވަނީ ރިޕޯޓުކޮށްފަ އެވެ.
މިޑްފީލްޑުގައި އޮޑެގާޑަށް ވުރެ ތަޖުރިބާކާރު ދެ ކުޅުންތެރިން ރެއާލްގައި އެބަ ތިއްބެވެ. ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް އިސްކަން ދިނީ ލުކަ މޮޑްރިޗް އަދި ޓޯނީ ކްރޫޒް އަށެވެ. އޮޑެގާޑް މަޑުކުރުވަން އަންޗެލޯޓީ ބޭނުންވާ ސަބަބަކީ، މިފަހަރުގެ ޓްރާންސްފާގައި ވެސް އެއްވެސް ކުޅުންތެރިޔަކު ގަންނަން ރެއާލްއިން ނިންމާފައި ނުވާތީ މިހާރު ވެސް ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން މިޑްފީލްޑު ލައިން އަތުރާލުމަށެވެ. އަދި އިސްކޯ ވިއްކާ ލުމަށް ވެސް ރެއާލް އިން ވިސްނާފައި ވާތީ އޮޑެގާޑް ޓީމުގައި ބެހެއްޓުން ވެސް އެ ކްލަބަށް މުހިންމެވެ.