ސަލްމާންގެ ލޯބިވެރިންގެ ލިސްޓަށް އާ ނަމެއް
ސަލްމާންގެ ލޯބިވެރިންގެ ލިސްޓަށް އާ ނަމެއް

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ކައިވެނި ނުކޮށް ހުއްޓަސް އޭނާ ލޯބީގެ ގުޅުން ބޭއްވި މީހުން މަދެއް ނޫނެވެ. މީގެ ތެރޭގައި މުޅިން ހިމެނެނީ ބަތަލާއިންނެވެ. އޭގެ ތެރޭގައި އައިޝްވާރިއާ ރާއީ އާއި ކެޓްރީނާ ކައިފާއި ކުރީގެ ބަތަލާއިން ކަމަށްވާ ސަންގީތާ ބިޖްލާނީ އާއި ސޯމީ އަލީ ހިމެނެ އެވެ.

ސަލްމާންގެ ލޯބިވެރިންގެ ލިސްޓަށް އާ ނަމެއް
ސަލްމާންގެ ލޯބިވެރިންގެ ލިސްޓަށް އާ ނަމެއް

އެކަމަކު މި ލިސްޓަށް އާންމުކޮށް ނާރާ އެހެން މީހަކު އެބަ ހުއްޓެވެ. އެއީ ޒުވާން ބަތަލާ ކިއާރާ އަދުވާނީގެ ބޮޑުދައިތަ ޝާހީން ޖެފްރީ އެވެ. އޭނާ އަކީ ކިއާރާގެ މަންމަ ޖެނެވީވް އަދުވާނީގެ ކޮއްކޮ އެވެ.

ސަލްމާނާ ގުޅުވައިގެން މިހާތަނަށް ޝާހީންގެ ވާހަކަ މީޑިއާގައި ދެކެވިފައެއް ނުވެ އެވެ. ޝާހީނަކީ ފިލްމީ ތަރިއެއް ވެސް ނޫނެވެ.

މި އާއިލާ އަކީ ކިއާރާގެ މަންމަގެ ފަރާތުން ކުރީގެ އެކްޓަރުން ކަމަށްވާ ސައީދު ޖެފްރީ އާއި އަޝޯކް ކުމާރުގެ އާއިލާ އެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކިއާރާ ބުނީ އޭނާގެ މަންމަ އާއި ސަލްމާނަކީ އެކީގައި ބޮޑުވި ދެ މީހުން ކަމަށާއި އެ މީހުންގެ މެދުގައި ވަރަށް ކުރިން ފެށިގެން ގާތް އެކުވެރިކަމެއް އޮންނަ ކަމަށެވެ.

"އެ ދުވަސްވަރު އެ ދެ މީހުން ވަރަށް ގިނައިން ބައިސްކަލް ވެސް ދުއްވަން ދާނެ. އޭރު ދެކެވޭ ވާހަކަތަކުގެ ތެރޭގައި މަންމަ ގާތު ސަލްމާން ބުނެ ކޮންމެވެސް ދުވަހަކުން މަޝްހޫރު ފިލްމީ ތަރިއަކަށް ވެސް ވާނަމޭ،" ކިއާރާ ބުންޏެވެ. "ސަލްމާން އަހަރެމެންގެ ގެއަށް ވެސް އޭރު ވަރަށް ގިނައިން ގޮސް އުޅޭނެ. އެހެން އުޅުމުގެ ތެރޭގައި މަންމަގެ ފަރާތުން ސަލްމާނަށް ބޮޑުދައިތަ ތައާރަފްވަނީ. އޭގެ ފަހުން އެ ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދި އެ ގުޅުން ފަހުން ލޯތްބަށް ބަދަލުވެ، ދުވަސްތަކެއް ވަންދެން އުޅުނު."

ކިއާރާ ބުނީ ގޮތުގައި އޭނާ އަށް ލަފާކުރެވޭ ގޮތުން އެ ގުޅުމަކީ ސަލްމާން ސީރިއަސްކޮށް އެންމެ ފުރަތަމަ ބޭއްވި ލޯބި ގުޅުމަށް ވާނެ އެވެ.

ސަލްމާނާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި އޭނާގެ "ބީން ހިއުމަން" ބްރޭންޑްގެ އިޝްތިހާރުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ކިއާރާ ބުނި ގޮތުގައި ސަލްމާނަކީ އަބަދު ވެސް ވަރަށް ލަފާދޭ، "އާއިލީ" މީހެކެވެ. ވަރަށް ފަހުން ކިއާރާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ނަން ކިއާރާ އަދުވާނީ އަށް ބަދަލުކުރީ ވެސް ސަލްމާން ދިން ލަފައެއްގެ މަތިންނެވެ.

ދެހާސް ސާދައިގެ "ފަގްލީ" އިން ބޮލީވުޑަށް ނުކުތް 29 އަހަރުގެ ބަތަލާގެ އަސްލު ނަމަކީ އާލިއާ އަދުވާނީ އެވެ. އެކަމަކު ބޮލީވުޑްގައި އާލިއާ ބަޓް ކިޔާ މަޝްހޫރު ބަތަލާއަކު ހުންނާތީ، ކެރިއަރުގެ މިސްރާބު ރަނގަޅުކުރަން ސަލްމާންގެ އެދުމުގެ މަތިން ނަން ކިއާރާ އަށް ބަދަލުކުރީ އެވެ. އަދި އެ ނަން ކިޔަން ނިންމީ ޕްރިޔަންކާ ޗޯޕްރާގެ 2010 ގެ ފިލްމު "އަންޖާނާ އަންޖާނީ" ގެ ކެރެކްޓާ އިންސްޕިރޭޝަނަކަށް ބަލައިގެން ކަމަށް ވެސް ކިއާރާ ބުންޏެވެ.

ކިއާރާގެ އާއިލާއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން އޭނާގެ އަލަތު ފިލްމު "ފަގްލީ" ގެ ޕްރޮމޯޝަނަށް އެ ފިލްމުގެ ޕްރޮޑިއުސަރު އަކްޝޭ ކުމާރާ އެކު ސަލްމާން ފިލްމުގެ ލަވައެއްގައި ވެސް ބައިވެރިވެފައިވެ އެވެ.