27 ނޮވެމްބަރ 2016 - 10:37

ސަޖިދައަށް އޮންނަ މީހަކު ރަމްޒުކޮށްދޭ ގޮތަށް، މިސްކިތެއް ކުރަހައި އެ މިސްކިތް އަޅަން ފަންޑުކޮށްދޭނެ މީހަކު ހޯދުމުގެ މަސައްކަތް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފައްޓަވައިފި އެވެ.

ޝަހީމް މިއަދު ވިދާޅުވީ އޭނާގެ ރަހުމަތްތެރި އިޓަލީ މީހަކު ކުރަހާފައިވާ މި މިސްކިތުގެ ޑިޒައިން މިހާރު ނިމިފައިވާ ކަމަށާއި އުއްމީދަކީ ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ދުވަހަކު މި މިސްކިތް އަޅައިދޭނެ މީހަކުވުން ކަމަށެވެ.

ރާއްޖޭގައި އަދި މިފަދަ މިސްކިތެއް ނެތްކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވީ މި މިސްކިތް ޑިޒައިންކޮށްފައި ވަނީ މީހަކު ސަޖިދައަށް އޮންނަ ގޮތް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. އެހެންވެ، މި މިސްކިތަށް އޭނާ ދެއްވި ނަމަކީ "މަސްޖިދުލް ސުޖޫދު" އެވެ.
މިސްކިތުގެ ޑިޒައިން ކުރަހާފައިވަނީ ދުބާއީގެ އަމީރު މުހައްމަދު ބިން ރާޝިދުގެ ވެސް ބައެއް ޕްރޮޖެކްޓުތައް ކުރަހާފައިވާ އިޓަލީ މީހެކެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ސަގާފަތަށް ބޮޑު ޝައުގުވެރިކަމެއް ހުރި އިޓަލީ މީހާއާ ރާއްޖޭން ބައްދަލުވެގެން، ރާއްޖޭގެ ކޮންމެވެސް ތަނެއްގައި ލޭންޑްމާކެއްގެ ގޮތުގައި ޒަމާނީ މިސްކިތެއް އަޅަން ހިޔާލުދިނީ އޭނާ ކަމަށެވެ. އަދި އޭގެ ފަހުން އެކަމަށް މަސައްކަތް ފަށައި، ވަރަށް ފުރިހަމައަށް މިސްކިތުގެ ޑިޒައިން އޭނާ ކުރަހައިދީފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑާ ބައްދަލުވި އިރު އޭނާއަކީ މުސްލިމެއް ވެސް ނޫން. އެކަމަކު މިހާރު އޭނާ އިސްލާމްދީން ގަބޫލުކޮށްފައިވާއިރު އަޅުގަނޑުމެން ދެ މީހުން ވެސް ވަރަށް ބޭނުންވޭ މި މިސްކިތް ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި އަޅަން،" ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ މީހަކު މި މިސްކިތް އަޅަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެ ކުރެހުން ދޭނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ މާލޭގައި މި މިސްކިތް އަޅާނެ ތަނެއް ހޯދުމާ ގުޅޭގޮތުން ވަރަށް އަވަހަށް އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.