13 އަހަރަށްފަހު 100 މީޓަރުގެ އާ ޗެމްޕިއަނަކީ އިޓަލީގެ ޖޭކޮބްސް
13 އަހަރަށްފަހު 100 މީޓަރުގެ އާ ޗެމްޕިއަނަކީ އިޓަލީގެ ޖޭކޮބްސް

ޓޯކިޔޯ (އޯގަސްޓް 1) - އޮލިމްޕިކްސްގައި ފިރިހެނުންގެ 100 މީޓަރުގެ ރަން މެޑަލް އިޓަލީގެ ލެމޮންޓް މާސެލް ޖޭކޮބްސް ހޯދައިފި އެވެ.

ޖޭކޮބްސް އަކީ، 13 އަހަރަށް ފަހު އޮލިމްޕިކުސްގެ 100 މީޓަރުގެ އާ ޗެމްޕިއަނެވެ. ޗައިނާ އާއި ބްރެޒިލްގައި އެންމެ ފަހުން ބޭއްވި އޮލިމްޕިކުސްގައި 100 މީޓަރުން ރަން މެޑަލް ހޯދީ ޖެމެއިކާގެ އުސައިން ބޯލްޓް އެވެ. ބޯލްޓް ވަނީ އެތުލެޓިކްސް އިން މިހާރު ރިޓަޔާ ކޮށްފަ އެވެ.

ޖަޕާނުގެ ޓޯކިޔޯގެ އޮލިމްޕިކް ސްޓޭޑިއަމްގެ ފައިނަލުގައި މިއަދު ޖޭކޮބް، ރޭސް ނިންމީ 9.80 ސިކުންތުންނެވެ. ދެ ވަނަ ހޯދީ އެމެރިކާގެ އެތުލީޓު ފްރެޑް ކާލި އެވެ. އޭނާ ރޭސް ނިންމީ 9.84 ސިކުންތުންނެވެ. ތިން ވަނަ ހޯދި ކެނެޑާގެ އެންޑްރޭ ޑި ގްރާސް ރޭސް ނިންމީ 9.89 ސިކުންތުންނެވެ.

ފައިނަލުގައި ޖޭކޮބްސް ވާދަކުރީ، ހައި ޖަމްޕުން އޭނާއާ އެއް ގައުމަކަށް ނިސްބަތްވާ، ޖިއާން މާކޯ ޓެމްބެރީ ރަން މެޑަލް ހޯދިތާ މިނިޓުތަކެއް ފަހުންނެވެ.

ޖޭކޮބްސް، ބުނީ ޓެމްބެރީގެ ކާމިޔާބު ފެނުމުން އޭނާ އަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ. މިދިޔަ މަހު ނިމުނު ޔޯރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ ހޯދުމުން ބޭއްވި އުފާފާޅުކުރުންތަކާ އެއްވަރުގެ ކުލަގަދަ ހަރަކާތްތަކެއް އޮންނާނެ އެވެ.

"މި ރަން މެޑަލަކީ މުޅި އުމުރަށް ދެމިހުންނާނެ ކާމިޔާބެއް. ޖިއާންމާކޯ ޓެމްބެރީގެ ކާމިޔާބު ބަލަން ހުރުމުން އަހަންނަށް ބޮޑު ހިތްވަރެއް ލިބުނު، އެއީ ބޮޑު ކާމިޔާބެއް،" ޖޭކޮބްސް، 26، ބުންޏެވެ.

ޖޭކޮބްސް އަކީ އޮލިމްޕިކްސްގެ 100 މީޓަރުގެ ސްޕްރިންޓުން ރަން މެޑަލް ހޯދި އިޓަލީގެ ފުރުތަމަ ދުވުންތެރިޔާ އެވެ. އަދި 1992 ގެ އޮލިމްޕިކުސްގެ ރަން މެޑަލް ހޯދި ގްރޭޓް ބްރިޓަން ލިންފޯޑް ކްރިސްޓީގެ ފަހުން 100 މީޓަރު ސްޕްރިންޓުން ރަން މެޑަލް ހޯދި ޔޫރަޕުގެ ފުރަތަމަ އެތުލީޓަކީ ވެސް ޖޭކޮބްސް އެވެ.

ޖޭކްބްސްގެ އެންމެ ފުރަތަމަ ކުޅުނީ ބާސްކެޓްބޯޅަ އެވެ. އޭނާގެ ބައްޕަ އަކީ ވެސް ބާސްކެޓްބޯޅަ ކުޅުނު މީހެކެވެ. ޖޭކޮބްސްގެ ކުޅިވަރު ކެރިއާގައި އެންމެ ފުރަތަމަ އޭނާ ހުސްވީ ލޯންގް ޖަމްޕަށެވެ. ސްޕްރިންޓަށް އޭނާ މުޅިން ހުސްވީ ގަތަރުގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ދިއުމުންނެވެ.