27 ނޮވެމްބަރ 2016 - 10:33

ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޔޮޓް ރެލީ އެކި ގައުމުތަކުގެ ބައިވެރިންނާ އެކު ޖެނުއަރީ މަހު ފަށަން ތައްޔާރީތައް ވާން ފަށައިފި އެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ލަގްޒަރީ ކަލެކްޝަންސް އިން އިންތިޒާމްކުރާ މި ރެލީގައި 470 މޭލުގެ ސަރަހަދެއްގައި ދަތުރުކުރާއިރު މިއީ މިފަދަ ގޮތަކަށް އިންޑިއާ ކަނޑުގައި ބާއްވާ އެންމެ ބޮޑު ޔޮޓް ރެލީގެ ގޮތުގައި، އިވެންޓް އިންތިޒާމްކުރާ ފަރާތުން ފާހަގަކުރެ އެވެ.
އިވެންޓުގެ ޑިރެކްޓަ އޮފް ޕީއާރް އެންޑް މާކެޓިން ސާރާ ހާވީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ޖެނުއަރީ 20 ވަނަ ދުވަހު ހއ. އުލިގަމުން ފަށަން ހަމަޖައްސާފައިވާ ޔޮޓް ރެލީ ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ މިފަދަ އެންމެ ބޮޑު އިވެންޓަށެވެ. އޭޝިއާ އާއި މެދުއިރުމައްޗާ ދެމެދު ދަތުރުކުރާ ޔޮޓް ފަހަރު ދަތުރުމަތީގައި އަރާމުކޮށްލަން މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އުލިގަމުން ޔޮޓް ރެލީ ފެށުމަށް ފަހު އެކި ރަށްރަށުގައި މަޑުކޮށް އެ ރަށްރަށުގައި ސަގާފީ ކުޅިވަރުތައް ބާއްވާނެ އެވެ.
އެވޭލާ ޒަމާނުގައި ރާއްޖޭގައި ދަތުރުކުރުމަށް ބޭނުންކުރި މަގަކުން ކުރިއަށް ގެންދާ މި ޔޮޓް ރެލީގެ ބައިވެރިން ރަށްރަށް މަޑުކޮށް ސަގާފީ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ފީނަން ދިއުމާއި އެ ރަށްތަކުގެ ދިރިއުޅުން ހުންނަ ގޮތް ތަޖުރިބާކުރާނެ ކަމަށް ސާރާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އިވެންޓަށް ސަރުކާރުުގެ އެކި އިދާރާތަކުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
"އުލިގަމުގައި ޔޮޓް ރެލީގެ ބައިވެރިން ރެޖިސްޓްރީކޮށް އިމިގްރޭޝަން އާއި ކަސްޓަމްސްގެ ކްލިއަރެންސް ހޯދުމަށް ފަހު، ދަތުރަށް ބޭނުންވާ ޗާޓާއި މައުލޫމާތު ހިމެނޭ ފޮތް ދޭނެ. އަދި އަދި ރާއްޖޭގައި ހުޅުވާ ފަސް ތަރީގެ ރިސޯޓެއް ހުޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ރެލީގެ ބައިވެރިންނަށް ދައުވަތު ދޭނެ،" ސާރާގެ އީމެއިލްއެއްގައި ވިދާޅުވެފައިވެ އެވެ.
މި އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނާ ގޮތުގައި ދުނިޔޭގެ ހަ ބައްރަކުން އެކި ގައުމުތަކުގެ މީހުން މި ރެލީގައި ބައިވެރިވާނެ އެވެ. އެގޮތުން، މަދުވެގެން 10 ގައުމެއްގެ މީހުން ބައިވެރިވާ މި ރެލީ ރާއްޖޭގެ އުތުރުން ފަށައިގެން އެންމެ ދެކުނުން އައްޑު އަތޮޅަށް ނިންމަން ގާތްގަނޑަކަށް 45 ދުވަސް ހޭދަވާނެ ކަމަށް ބުނެފައިވެ އެވެ.
"ބޭނުންވަނީ ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެންމެންނަށް ދޭން. ސެއިލް މޯލްޑިވްސް ޔޮޓް ރެލީ އަކީ ކަނޑުމަގުން ރާއްޖެ ތަޖުރިބާކޮށްލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު،" އިވެންޓް އިންތިޒާމްކުރާ ލަގްޒަރީ ކަލެކްޝަންސްގެ ސީއީއޯ އަދި ފައުންޑަ އަދީލް އަހްމަދާ ހަވާލާދީ ސެއިލް މޯލްޑިވްސްގެ ޕްރެސް ރިލީޒެއްގައި ބުނެފައިވެ އެވެ.
މި ރެލީގައި ބައިވެރިވަނީ ކިތައް ޔޮޓް ކަމެއް އަދި ރެލީގެ ބައިވެރިން މަޑުކުރާނީ ކޮން ރަށްތަކެއްގައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ރެލީގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލައިފަ އެވެ.