01 އޯގަސްޓް 2021 - 18:10

ބީއެމްއެލް އިން ކުރިއަށް ގެންދާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި އެވެ.
މިއީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި އަހަރުގެ ޕްރޮގްރާމުގައި 15 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
ބާރަ މަސް ދުވަހަށް ހިންގާ މި ޕްރޮގްރާމުގައި ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ދިނުމުގެ އިތުރުން ބީއެމްއެލް އިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ބީއެމްއެލްގެ ޕީޕްލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ގްރެޖުއޭޓް އިންޓާންޝިޕްގެ ތިންވަނަ ބެޗުގެ ސަބަބުން އުނގެނުމާއި ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދައި، ޕްރޮފެޝަނަލް ހުނަރު ފުޅާ ކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ބައިވެރިންނަށް މުސާރަ ވެސް ދޭނެ އެވެ. އަދި ކާމިޔާބުކަމާ އެކު ޕްރޮގްރާމް ނިންމާ މީހުންނަށް ބޭންކުން ވަޒީފާ ލިބޭނެ އެވެ.
ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމް ތައާރަފްކުރީ 2018 ވަނަ އަހަރު އެވެ. މިހާތަނަން މި ޕްރޮގްރާމުގައި 30 ދަރިވަރުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 14 މީހުންނަށް ބޭންކުން ވަނީ ދާއިމީ ވަޒީފާ ދީފަ އެވެ.
ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، ވަޒީފާ ދިނުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިން ފަހަރަށް ބީއެމްއެލް އަށް ވަނީ ލިބިފަ އެވެ.