އަރުޝަދުގެ ޑްރަގް ނެޓްވޯކް: މިލިއަނުން ފައިސާ ފެނުނު!
އަރުޝަދުގެ ޑްރަގް ނެޓްވޯކް: މިލިއަނުން ފައިސާ ފެނުނު!

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އަތުލައިގަތް ޑްރަގް ނެޓްވޯކާ ގުޅުން ހުރި ތަންތަނުން އެތައް މިލިއަން ރުފިޔާއެއް ފެނުނު ކަމަށާއި ހައްޔަރުކުރި މީހުން ގިނަ އަދަދެއްގެ ފައިސާއާ އެކީގަ އާއި މަސްތުވާތަކެތި ބަންދުކުރަން ތިއްބާ ނަގާފައި ހުރި ފޮޓޯތައް ވެސް ފެނުނު ކަމަށް ދައުލަތުން ކޯޓުގައި ބުނެފި އެވެ.

އަރުޝަދުގެ ޑްރަގް ނެޓްވޯކް: މިލިއަނުން ފައިސާ ފެނުނު!
އަރުޝަދުގެ ޑްރަގް ނެޓްވޯކް: މިލިއަނުން ފައިސާ ފެނުނު!

ޑްރަގް ނެޓްވޯކްގެ އިސް މީހާ ކަމަށް ފުލުހުން ބުނާ އަރުޝަދު ހާލިދާއި އޭނާގެ ނެޓްވޯކުގެ ބައިވެރިން ކަމަށް ބުނާ މީހުންނަށް ކޮށްފައިވާ ދައުވާތަކުގައި މިހާރު ވަނީ ހުކުމްކުރުމާ ހަމަޔަށް ގޮސްފަ އެވެ. މިދިޔަ އާދީއްތަ ދުވަހު ހުލާސާ ބަޔާން އިއްވަން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނެޓްވޯކް ހިނގަމުން ދިޔަ ގޮތް ތަފްސީލްކޮށްދީފަ އެވެ.

އަރުޝަދުގެ ޑްރަގް ނެޓްވޯކް: މިލިއަނުން ފައިސާ ފެނުނު!
އަރުޝަދުގެ ޑްރަގް ނެޓްވޯކް: މިލިއަނުން ފައިސާ ފެނުނު!

އެ މައްސަލައިގައި ދައުވާ ކުރި އަށް މީހުންނަކީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދު، ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހްމަދު ސުނައިނު، ގދ. ހޯނޑެއްދޫ މެޑްރިޓްހައުސް، އަހްމަދު ގިޔާސް، ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރު، ލ. ކަލައިދޫ މަތަރަސްމާގެ ހުސައިން ޒަހީން، މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް، މއ. ވައިލެޓްމާގެ އަސްލަމް ނާޒިމް އަދި ޅ. ނައިފަރު މިސްކިތްދޮށުގެ އަހްމަދު އިމްސާހަށެވެ.

މި މީހުންގެ މައްސަލަތަކުގައި ހެކިބަސް ނަގައި ނިމިފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު ބޭއްވި އޮންލައިން އަޑުއެހުމުގައި ވަނީ ދެ ފަރާތުން ވެސް މުޅި މައްސަލައިގައި ދެކޭ ގޮތް ހުލާސާ ބަޔާނުން ކިޔައިދީފަ އެވެ. ކޮންމެ މީހެއްގެ މައްސަލައިގައި ވަކިވަކިން ދައުލަތުން ހުލާސާ ބަޔާން އިއްވައި އެއަށް ދިފާއުން ރައްދު ދިން އިރު އަޑުއެހުން ގާތްގަނޑަަކަށް ހަ ގަޑިއިރަށް ދިގުލައިގެން ދިޔަ އެވެ.

ނަމަވެސް ދައުވާ ކުރެވޭ މީހުންނާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވާ ނުލެވޭ ކަމަށް ދިފާއީ ވަކީލުން ވިދާޅުވެފައިވެ އެވެ. އަދި ބައެއް ދައުވާތައް ފުރިހަމަ ނޫން ކަމަށާއި ކުށް ސާބިތުވާ ދަރަޖައަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.

ވައްކަމާއި ބިރުދެއްކުމުގެ ކުށުގެ ރެކޯޑު އޮންނަ އަރުޝަދަކީ މި މީހުންގެ ތެރެއިން މަސްތުވާތަކެތީގެ ނެޓްވޯކު ހިންގުމުގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަރުޝަދުގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އޭނާ އަކީ ހުއިފިލަނޑާ ނެގުމުގެ ވިޔަފާރި ކުރާ މީހެއް ކަމަށާއި އޭނާ އަތުގައި ފައިސާ ހުންނަނީ އެހެންވެ ކަމަށެވެ.

އަރުޝަދަކީ އެންމެ އިސް މިހާ ކަމަށް ދައުލަތުން ބުނާ އިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލި އެވެ. ޝަރީއަތް ނިމެންދެން އޭނާ އަލުން ބަންދު ކުރެވުނީ އެ ނިންމުންތައް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ނިންމުމުންނެވެ.

އަރުޝަދުގެ ފަރާތުން މި މައްސަލައިގައި ފާހަގަކުރާ މައިގަނޑު އެއް ކަމަކީ އޭނާގެ އަތުން އަދި އޭނާ ހުރިތަނަކުން ވެސް ފުލުހުންނަށް މަސްތުވާތަކެތި ފެނިފައި ނުވުމެވެ. އަދި ޖުމްލަކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވެ އެވެ.

ނަމަވެސް، އަރުޝަދާ ގުޅޭ ލިޔުންތައް ދައުވާ ލިބޭ އެކި މީހުންގެ އަތުން ފެނިފައިވުމާއި، އެ މީހުންގެ މެދުގައި ކޮށްފައިވާ މެސެޖުތަކުންނާއި، އަރުޝަދުގެ ފޯނުގައި، މަސްތުވާތަކެތީގެ ވިޔަފާރީގެ ފައިސާ އާއި އެހެނިހެން އެކި ރެކޯޑުތައް ކަމަށް ބެލެވޭ މައުލޫމާތުތައް ރައްކާކޮށްފައި ހުރުން ފަދަ ކަންކަމުން އޭނާއާ ކުށާ ގުޅުވާލެވޭ ކަމަށް ދައުލަތުން ދެކެ އެވެ. އަދި ދައުލަތުން ބުނާ ގޮތުގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެެއްކާއި ގަރީނާ އެބަ ހުއްޓެވެ.

ދައުލަތުގެ ހުލާސާ ބަޔާނުގައި ބުނި ގޮތުގައި މި މީހުން މަސައްކަތް ކުރަމުން ދިޔައީ، މާލޭގައި އެ ޑްރަގްސް ވިޔަފާރިއަށް ހާއްސަކޮށްގެން އެޕާޓްމެންޓުތަކެއް ހިފައިގެން ރޭވުންތެރިކަމާ އެކު އިންތިޒާމުކޮށްގެންނެވެ. އަދި މިި މީހުންނަކީ އެއް ނެޓްވޯކެއްގެ ބައެއްކަން ސާބިތުކޮށްދޭން ދައުލަތުން ކޯޓުގައި ގިނަ ވާހަކަތަކެއް ދެއްކި އެވެ.

ފުލުހުންނާ ހަވާލާދީ ދައުލަތުން ބުނި ގޮތުގައި، ގަނޑުކޮށް މަސްތުވާތަކެތި ރައްކާކޮށްފައި ބަހައްޓާނެ ތަންތަނާއި އެކަން ކުރާނެ ވަކި ބަޔަކު ތިބުމާއި، މަސްތުވާތަކެތި ބައިބައިކޮށް ވިއްކުމަށް ވަކި ބަޔަކަށް ހަވާލުކުރުމާއި، ފައިސާގެ ކަންކަން ވެސް ހާއްސަ ބަޔަކާ ހަވާލުކޮށްގެން އޮޕަރޭޝަން ހިންގުމަކީ ނެޓްވޯކެއްގައި ހުންނަ ސިފަތަކެވެ.

މި މީހުން ވެސް އޮޕަރޭޓު ކުރަމުން ދިޔައީ އެހެން ކަމަށް ދައުލަތުން ބުންޏެވެ. ފުލުހުން ބަލައި ފާސްކުރި އެއް ގެއިން، ގަނޑުކޮށް މަސްތުވާތަކެތި ފެނުނު އިރު ވަކިވަކިން ވިއްކަން ޕެކްކޮށް ތައްޔާރުކޮށްފައި ހުރި މަސްތުވާތަކެތި ވެސް އެހެން އެޕާޓްމެންޓުތަކުން ފެނުނު ކަމަށް ދައުލަތުން ބުންޏެވެ.

އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތި ޕެކްކޮށްފައިވާ ގޮތުން ވެސް އެއީ އެއް ނެޓްވޯކެއްގެ ތަކެތިކަން އެނގޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެކަން އެނގެނީ މި މީހުންގެ ޕެކެޓުތަކުގެ މަތީގައި ނޫ ކުލައިގެ ރޮނގެއް ހުރުމުން ކަމަށް ބުނެފައިވެ އެވެ.

މި މީހުންގެ ފޯނުތަކުގައި އެކަކު އަނެކަކުގެ ނަމްބަރު ސޭވްކޮށް، ގިނަ ކޯލްތައް ބަދަލުކޮށްފައިވާއިރު، އެކަކު އަނެކަކަށް ކޮށްފައިވާ މެސެޖުތަކަށް ބަލާއިރު ވެސް މިއީ ގުޅިގެން އެއް ނެޓްވޯކެއްގެ ގޮތުގައި ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

މި މީހުން އެކަކު އަނެކަކަށް ކޮށްފައިވާ މެސެޖުތައް ޝަރީއަތުގައި ކިޔައިދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މީހުންގެ ވާހަކަތަކުން، ޑިއުޓީ ރޯސްޓާއެއް ކަނޑައަޅައިގެން ދުވަހުގެ މަސައްކަތް ބަހާލައިގެން އިންތިޒާމުކޮށްގެން މަސައްކަތް ކުރިއަށްގެންދިޔަކަން އެނގޭ ކަމަށެވެ. އަދި ޑިއުޓީގައި ތިބޭ މީހުންގެ ނަންތަކާއި ވަގުތުތައް ވެސް ދައުލަތުން ކިޔައިދިނެވެ.

ގިނަ އަދަދެއްގެ ފައިސާއާ އެކު މި މީހުން ނަގާފައިވާ ފޮޓޯތަކާއި މަސްތުވާތަކެތި ޕެކް ކުރަނިކޮށް ނަގާފައިވާ ވީޑިއޯތައް ވެސް ފޯނުތަކުން ފެނިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ދައުލަތުން ބުނި ގޮތުގައި މި މީހުން ގެންގުޅުނު އެޕާޓްމެންޓަކުން ވިއްކާ މަސްތުވާތަކެތީގެ ވިކުރާ ބަލަހައްޓަން ބޭނުންކުރި ފޮތެއް ވެސް ފެނިފައިވެ އެވެ. ދައުލަތުގެ ހުލާސާ ބަޔާނުން އެނގުނު ގޮތުގައި ބައެއް މީހުންގެ އަތުން އެތައް ހާސް ރުފިޔާއެއް ފެނިފައިވެ އެވެ. އަދި ފައިސާ ގުނަން ބޭނުން ކުރާ މެޝިނެއް ވެސް ފުލުހުން ހޯދާފައިވާ ކަމަށް ބުންޏެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި 4.6 މިލިއަން ރުފިޔާ ހޯދި އެވެ. އަދި އެ އޮޮޕަރޭޝަންގައި ހައްޔަރުކުރި ބައެއް މީހުންގެ އެކައުންޓްތަކުގައި ހުރީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް ތުހުމަތުކޮށް، އެ އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.

ހުލާސާ ބަޔާން އިއްވައި ނިމުމުން ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ. ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ހުކުމް ކުރުމުގެ އަޑުއެހުން ބާއްވާނެ ތާރީހެއް އިއުލާނެއް ނުކުރައްވަ އެވެ. ގާޒީ ވިދާޅުވީ އެ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.