ހެދި އިމާރާތަށް އަގު ނުދޭތީ އިމާރާތް ހަލާކުކޮށްލައިފި
ހެދި އިމާރާތަށް އަގު ނުދޭތީ އިމާރާތް ހަލާކުކޮށްލައިފި

ޖަރުމަނުގައި ހެދި އެޕާޓްމަންޓް ބިލްޑިންގެއްގެ މަސައްކަތްތަކެއް ކޮންޓްރެކްޓް އުސޫލުން ކޮށްދިން މީހަކަށް ފައިސާ ހަމަޔަކަށް ނުދޭ ކަމަށް ބުނެ އެ އިމާރާތުން ބޮޑު ބައެއް ހަލާކުކޮށްލުމުން ބޮޑު އަދަބަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިޑިއާތަކުން ބުނީ ޖަރުމަންގެ ކުންފުންޏެއް ކަމަށްވާ އިންގޯ ފޭންޖެރޯ ކިޔާ ކުންފުނީގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މަޓީޖާ ޕީ، 47، ކިޔާ މީހާ ކުޑަ އެކްސްކަވޭޓަރެއްގައި ގޮސް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ. އޭގައި ފެންނަނީ އެކްސްވަކޭޓަރުން އިމާރާތުގެ ތިރީ ފަންގިފިލާތަކުގެ ބެލްކަންޏާއި ކުޑަދޮރު ފަދަ ތަންތަން ތަޅައި ސުންފާނަތިކުރާ ތަނެވެ.

މި ހާދިސާ ރިޕޯޓްކުރި ޖަރުމަންގެ ބައެއް މީޑިއާތަކުން، އެކަން ކުރި މީހާ ސިފަކޮށްފައި ވަނީ "އެކްސްކަވޭޓަ ރާމްބޯ" ގެ ގޮތުގަ އެވެ. މި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ އިރު ފަސް އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ. ނުވަތަ ދިން ގެއްލުންތައް އަމިއްލަ ހަރަދުގައި މަރާމާތުކޮށްދޭން ޖެހޭނެ އެވެ.

ފުލުހުން މަޓީޖާ ހައްޔަރުކޮށް، އެކަން ކުރީ ހަމަ ހޭގައި ހުރެގެން ތޯ ވެސް ބަލާފައިވެ އެވެ. ޓެސްޓްތަކުން ދެއްކީ އޭނާ މަސްތުވާ އެއްވެސް ބޭނުން ނުކުރާ ކަމަށެވެ. އެހެންވެ ތަހުގީގު ކުރިއަށް ގެންދަނީ ބަންދުގައި ބަހައްޓައިގެނެއް ވެސް ނޫނެވެ.

މީޑިއާތަކުން ބުނީ އިމާރާތަށް ގެއްލުން ދިނީ އެތަނުގެ އެޕާޓްމަންޓްތަކަށް މީހުން ބަދަލުވާން އުޅެނިކޮށް ކަމަށެވެ. މި ހާދިސާގައި 30 އެޕާޓްމަންޓްކަށް އެކި ވަރުގެ ގެއްލުން ދީފައިވެ އެވެ. މި ގެއްލުން 500،000 ޔޫރޯ (593،350 ޑޮލަރު) އަށް އަރަ އެވެ.

އިމާރާތުގެ މައި ކޮންޓްރެކްޓަރު ބުނީ މަސައްކަތްކުރި އިރު ފާހަގަކުރެވިފައި ހުރި ބައެއް މައްސަލަތަކާ ހެދި، މަޓީޖާ އަށް ދޭން ޖެހޭ އަގުގެ 1.5 ޕަސެންޓް ނުދީ ހިފަހެއްޓި ކަމަށެވެ. އެކަމަކު ފަހުން އޭނާ އަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީފައިވާނެ ކަމަށާއި އެއީ 4.75 މިލިއަން ޑޮލަރު ކަމަށް ބުންޏެވެ.