ވެކްސިން ފުރިހަމަކުރުމަށް ވުރެ ބޮޑު ގައުމީކަމެއް މިވަގުތު ނެތް: އެމްޓީޑީ
ވެކްސިން ފުރިހަމަކުރުމަށް ވުރެ ބޮޑު ގައުމީކަމެއް މިވަގުތު ނެތް: އެމްޓީޑީ

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރުމަށް ވުރެ ބޮޑު ގައުމީކަމެއް މިވަގުތު ނެތް ކަމަށާއި ފަރުދީ އަދި އާއިލީކަމެއްގެ ގޮތުގައި ދެކިގެން އެންމެން ވެސް ވެކްސިން ޖެހުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ގޮވާލައިފި އެވެ.

ވެކްސިން ޖެހުމަށް ބާރުއަޅައި އެމްޓީޑީންް ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާގެ ސަބަބުން ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް ދިމާވެ އިގްތިސާދީ ގޮތުން އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތައް އެތައް ގައުމަކަށާއި އެތައް ބަޔަކަށް ލިބިފައިވާ ކަމަށެވެ. އަދި އެކަމުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ކަމަށް ވެފައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ލީޑާޝިޕްގެ ދަށުން ރާއްޖެއަށް ބޭނުންވާ ވަަަރަށް ވެކްސިން ހޯދާފައިވުމުން އެ ޕާޓީން ސަރުކާރަށް ޝުކުރު އަދާކުރެ އެވެ.

ރާއްޖެއަށް ވެކްސިން ލިބިފައިވީ ނަމަވެސް އެ ޕާޓީގެ ކަންބޮޑުވުމަކީ ވެކްސިން ނުޖަހާ 18 އަހަރާއި 26 އަހަރުގެ ޒުވާނުން އަދިވެސް ގިނަކަމެވެ. އަދި ސިޔާސީ ހިޔާލު ތަފާތުވުންތަކުން ދުރުވެ، ޒުވާނުން އެކައްޗެއް ކިޔައި ވެކްސިން ޖެހުމަށް އިސްނެގުމަށް ގޮވާލި އެވެ.

"ކޮވިޑުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ ގައުމައް ދަނީ އެތައް ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިއަދު އެންމެ މުހިއްމީ މިކަން ގައުމީ ކަމެއްގޮތުގައި ދެކި މިވަގުތައް ސިޔާސީ ހިޔާލު ތަފާތުތައް އެއްކިބާކޮށް، މުޅި ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީ ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމުމެވެ،"

އެމްޓީޑީން ވަނީ މި ސަރުކާރުން އިންސާނިއްޔަތުކަން އިސްކޮށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އިސްތިސްނާނުކޮށް ވެކްސިން އެމީހުންނަށް ވެސް ހިލޭ ޖަހައިދެމުންދާކަން ފާހަގަކޮށްފަ އެވެ. އަދި މިއީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ބޮޑު ކުރިއެރުމެއްކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޓީޑީން މި ބަޔާން ނެރުނީ ކޮވިޑުން ދިފާއުވާން، ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ސަރުކާރުން ފަށާފައި ވަނިކޮށެވެ.