މިދިޔަ މަހު 177،863 މީހުން ކޮވިޑަށް ޓެސްޓްކުރި، ޕޮޒިޓިވްވީ 3،634 މީހެއް
މިދިޔަ މަހު 177،863 މީހުން ކޮވިޑަށް ޓެސްޓްކުރި، ޕޮޒިޓިވްވީ 3،634 މީހެއް

މިދިޔަ ޖުލައި މަސް ނިމުނުއިރު، ރާއްޖެ އިން 177،863 ސާމްޕަލެއް ކޮވިޑަށް ޓެސްޓްކުރި ނަމަވެސް އެ ބައްޔަށް ޕޮޒިޓިވްވި 3،634 މީހުންނާ އެކު އެ މަހުގެ ޕޮޒިޓިވިޓީ ރޭޓް އުޅެނީ 2.04 ޕަސެންޓުގައި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެއް މަހެއްގައި މިހާ ގިނަ ބަޔަކު ކޮވިޑަށް ޓެސްޓް ކުރި ފަހަރެވެ.

ކޮވިޑުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑު ލުޔެއް ދިނީ މިދިޔަ އަޟްހާ އީދުގެ ބަންދާ ދިމާކޮށެވެ. ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭގެ އުސޫލަށް ގެނައި ބަދަލާ އެކު، މޮނިޓަރިންގައި ނެތް ރަށްރަށަށް ކަރަންޓީނު ނުވެ ދިޔުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު އެގޮތަށް ދަތުރުކުރެވެނީ 72 ގަަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހެޅުމުންނެވެ.

މިދިޔަ މަހު ކޮވިޑަށް ޓެސްޓްކުރި މީހުންގެ އަދަދު ރިކޯޑު އަދަދަކަށް އިތުރުވި ސަބަބަކީ އެއީ އެވެ. ގިނަ ބަޔަކު ރަށަށް ދިޔުމަށް މަގުމަތިން ސާމްޕަލް ނެގުމަށް ވެސް ކިއު ހެދި އެވެ.

އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި ޕޮޒިޓިވިޓީ ރޭޓް 2.7 ޕަސެންޓުގައި ހުރި ނަމަވެސް މަސް ނިމުނުއިރު އެ އަދަދު 1.92 ޕަސެންޓަށް ވެއްޓުނެވެ، އެކަމަކު އެވްރެޖްކޮށް މިދިޔަ މަހުގެ ޕޮޒިޓިވިޓީ ރޭޓަކީ 2.04 ޕަސެންޓެވެ.

ޖޫން މަސް ނިމުނުއިރު ޓެސްޓު ކޮށްފައި ވަނީ 142،000 ސާމްޕަލެވެ. އޭގެ ތެރެއިން 9،404 ސާމްޕަލް ޕޮޒިޓިވްވި އެވެ. އެހެންވެ، މިދިޔަ ޖޫން މަސް ނިމުނުއިރު ޕޮޒިޓިވިޓީ ރޭޓް ހުރީ 6.6 ގަ އެވެ. އެ ރޭޓަށް ކޭސްތައް ވެއްޓުނީ މެއި މަހު އެ އަދަދު އެވްރެޖްކޮށް 23 ޕަސެންޓުގަ ހުރެފަ އެވެ.

ކޮވިޑާ ގުޅިގެން އެޅި އެންމެ ހަރުކަށި އެެއް ފިޔަވަޅު ކަމުގައިވާ ދަތުރުކޮށް ކަރަންޓީވުމުގެ ފިޔަވަޅަށް ދިން ލުޔާއެކު ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރި ނަމަވެސް އަދި ކޭސްތައް އިތުރުވާކަން ފާހަގައެއް ނުކުރެވެ އެވެ. އެޗްއީއޯސީން ބުނާގޮތުގައި ކޭސްތައް އިތުރުވާކަން އެނގޭނީ ބޮޑު އީދާއި މިނިވަން ދުވަހުގެ ބަންދަށް ރަށަށް ދިޔަ މީހުން އަނބުރާ އައުމުންނެވެ.

ކޮވިޑް ބަލިން ދިފާއުވުމަށް މިހާތަނަށް 264،913 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާއިރު، 321،764 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ކޮވިޑް ވެކްސިން ފުރިހަމަކުރުމެވެ.