01 އޯގަސްޓް 2021 - 12:31

ޓިއުރިން (އޯގަސްޓް 1) މިދިޔަ މަހު ނިމިގެން ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ ގެންދަން ޔުވެންޓަސް އިން ހުށަހަޅައިފި އެވެ.
ޔުވެންޓަސްގެ ސްޕޯޓިން ޑައިރެކްޓާ ޕަވެލް ނެޑްވިޑް ބުނީ، ލޮކަޓެލީގެ މިހާރުގެ ކްލަބު، ސަސުއޯލޯ ހިތްހަމަޖެހޭވަރުގެ ހުށަހެޅުމެއް ޔުވެންޓަސް އިން ހުށަހަޅައިފައި ވާނެ ކަމަށެވެ.
"އަހަރެމެން ބޭނުން ލޮކަޓެލީ އަހަރެމެން ޓީމަށް ކުޅެން. އަހަރެމެންނަށް ގަބޫލުކުރެވިއްޖެ އަހަރެމެންގެ ހުށަހެޅުމަކީ ރަނގަޅު ހުށަހެޅުމެއް ކަމަށް އަދި އެ ހުށަހެޅުން ހަމަހަމަ ކަމަށް ވެސް ގަބޫލުކުރަން،" ނެޑްވެޑް ބުންޏެވެ.
ޔޫރޯގެ ގުރޫޕް ސްޓޭޖުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލޮކޮޓެލީ، 23، ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ، ލޮކޮޓެލީ ބޭނުން ކުރީ މާކޯ ވެރާޓީ އަނިޔާގައި ހުރުމުން އޭނާގެ ބަދަލުގަ އެވެ. އެކަމަކު އަނިޔާ އިން ރަނގަޅު ވެގެން ވެރާޓީ ކުޅެން ފެށި ފަހުން ވެސް ޔޫރޯގައި ލޮކަޓެލީ އަށް އިސްކަން ދިނެވެ.
ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ލޮކޮޓެލީ އެވެ. އޭނާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ސަސުއޯލޯއިން ކިޔާ އަގަކީ 47 މިލިއަން ޑޮލަރެވެ. ނަމަވެސް ޔުވެންޓަސް އިން ހުށަހަޅާފައި ވަނީ އެއަށް ވުރެ ދަށް ފީއެއް ދިނުމަށެވެ.
"މިހާލަތަށް ބަލައި އަހަރެމެން ވާނީ އެކަށީގެންވާ ހުށަޙެޅުމެއް ހުށަހަޅާއިފައި،" ނެޑްވެޑް ބުންޏެވެ. "ކޮވިޑުގެ މި ހާލަތުގައި ވެސް އަހަރެމެންނަށް އިތުބާރު އެބައޮތް އޭނާ ގެނެވޭނެކަމުގެ."