ގެސްޓް ހައުސް ހިންގާ ރަށްތަކުން އެންމެ ގިނައިން ވެކްސިން ޖެހީ ރަސްދޫގައި
ގެސްޓް ހައުސް ހިންގާ ރަށްތަކުން އެންމެ ގިނައިން ވެކްސިން ޖެހީ ރަސްދޫގައި

ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް މިހާތަނަށް އެންމެ ގިނަ މީހުން ޖަހާފައި ވަނީ އއ. ރަސްދޫން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެ އިދާރާ އިން އިއްޔެ އާންމުކުރި، ގެސްޓް ހައުސް ހިންގާ 20 ރަށެއްގެ ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަސްދޫގެ 79 ޕަސެންޓް މީހުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ. ގެސްޓް ހައުސް ހިންގާ ރަށްތަކުގެ ތެރެއިން ދެން އެންމެ ގިނަ މީހުން ވެކްސިން ޖަހާފައި ވަނީ އުކުޅަހާއި ވ. ފެލިދު އާއި އދ. ހަންޏާމީދު އަދި ވ. ފުލިދޫގަ އެވެ.

އުކުޅަހާއި ހަންޏާމީދު އާއި ފުލިދޫގެ އާބާދީގެ 74 ޕަސެންޓު މީހުން އަދި ފެލިދޫގެ އާބާދީގެ 70 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ރަށްރަށުގެ ތެރެއިން ރަސްދު އާއި އުކުޅަހުގައި މަސައްކަތްކުރާ ގެސްޓް ހައުސް މުވައްޒަފުންގެ 96 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފައި ވާއިރު، ހަންޏާމީދު އާއި ފެލިދޫ އަދި ފުލިދޫގެ ހުރިހާ ގެސްޓް ހައުސްއެއްގެ މުވައްޒަފުން ވެސް ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އަދި ނ. ފޮއްދު އާއި މާޅޮހުގެ ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެކްސިން ވަނީ ފުރިހަމަކޮށްފަ އެވެ.

ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި ދިރިއުޅޭ މީހުންގެ މީހުންގެ ތެރެއިން އާބާދީގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށް، އެހެނިހެން ޝަރުތުތައް ފުރިހަމަ ކޮށްފައި ވާތީ، އެ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޗެކިން ވުމުގެ ހުއްދަ އެޗްޕީއޭ އިން މިހާރު ވަނީ ޓޫރިސްޓުންނަށް ދީފަ އެވެ.

އެޗްޕީއޭ އިން އާންމުކުރި ގެސްޓް ހައުސް ވިޔަފާރިކުރާ ރަށްރަށުގެ ލިސްޓުގައިވާ 20 ރަށުގެ ތެރެއިން 11 ރަށެއްގެ ހުރިހާ ޝަރުތެއް ފުރިހަމަ ވާއިރު ފަސް ރަށެއްގެ އާބާދީގެ 70 ޕަސެންޓު މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ޓޫރިސްޓުން ދިއުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހަންޏާމީދޫ، އދ. ދިގުރަށް، ރަސްދޫ، އއ. ތޮއްޑޫ، އުކުޅަސް، އއ. މަތިވެރި، އއ. މާޅޮސް، ފެލިދޫ، ފުލިދޫ، ކ. މާފުށި، އަދި ފޮއްދޫ އެވެ.

މިދިޔަ ޖުލައި 21 ގައި އެޗްޕީއޭ އިން ކުރި އިއުލާނުގައިވާ ގޮތުން، ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް އެ މަހުގެ 26 އިން ފެށިގެން ޓޫރިސްޓުންނަށް ޗެކިން ވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުންނެވެ. އޭގެ ތެރޭގައި ޑަބްލިއުއެޗްއޯ އިން އިމަޖެންސީ ބޭނުމަށް ކަނޑައަޅާފައިވާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ކަރަންޓީނުގައި ހުރުމާއި އެ ރަށެއްގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ 90 ޕަސެންޓު ވެކްސިން ފުރިހަމަކޮށްފައިވުމާއި ގެސްޓް ހައުސް މުވައްޒަފުންގެ 95 ޕަސެންޓު ވެކްސިން ފުރިހަމަކޮށްފައިވުން ހިމެނެ އެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. ސަރުކާރުގެ އަމާޒަކީ އާބާދީގެ 90 ޕަސެންޓު މީހުންނަށް މި މަހުގެ ނިޔަލަށް ވެކްސިން ފުރިހަމަކޮށްދިނުމެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 321،764 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު އޭގެ ތެރެއިން 264،913 މީހުން ވަނީ ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފަ އެވެ.