01 އޯގަސްޓް 2021 - 11:24

ޓޯކިޔޯ (އޯގަސްޓް 1) - ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ޓެނިސްގެ މިކްސް ޑަބަލްސް ބްރޯންޒް މެޑަލް މެޗުން ސާބިއާގެ ނޮވާކް ޖޮކޮވިޗު ވަކިވެއްޖެ އެވެ.
މިކްސް ޑަބަލްސްގައި ޖޮކޮވިޗް އާއި ނީނާ ސްޓޮޔޯނަވިޗްގެ ޕެއާ ބްރޯންޒް މެޑަލް މެޗުގައި ވާދަކުރަން ހަމަޖެހިފައި އޮތީ އޮސްޓްރޭލިއާގެ އޭޝް ބާޓީ އަދި ޖޯން ޕިއާސްއާ ދެކޮޅަށެވެ. މެޗުން ޖޮކޮވިޗް ވަކިވުމުން އޮސްޓްރޭލިއާގެ ޕެއާ އަށް ބްރޯންޒް މެޑަލް މެޗު ލިބުނީ އެވެ.
ސިންގަލްސް އާއި ޑަބަލްސް މެޗުތަކުން ބްރޯންޒް މެޑަލް ހޯދަން ލިބުނު މެޗު ތަކުން އިއްޔެ އޭނާ ވަނީ ބަލިވެފަ އެވެ.
މި އަހަރު ބޭއްވި ޓެނިހުގެ ގްރޭންޑް ސްލޭމްގެ ތިން މުބާރާތް ކާމިޔާބު ކުރި ޖޮކޮވިޗް އޮލިމްޕިކްސްއާ ކުރިމަތިލީ ގޭމްސްގެ ފޭވަރިޓެއްގެ ގޮތުގަ އެވެ.
ޖޮކޮވިޗުގެ ކޮނޑަށް ލިބުނު އަނިޔާއާ ގުޅިގެން ގޭމްސް އިން ވަކި ވުމުން މުބާރާތް ނިންމާލަން ޖެހުނީ ހުސް އަތާ އެވެ.
ބްރޯންޒް މެޑަލް މެޗުން ވަކިވާކަން އިއުލާން ކުރަމުން ޖޮކޮވިޗް ބުނީ ޖިސްމާނީ އަދި ނަފުސާނީ ގޮތުން ވެސް އޭނާ ވަރުބަލި ވެއްޖެ ކަމަށެވެ.
"އަހަރެންގެ ގައުމަށް މެޑަލެއް ހޯދައި ނުދެވުމުން އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން. ލިބުނު ދެ ފުރުސަތު ވެސް އަހަންނަށް ގެއްލުނީ. އަހަރެންގެ ލެވަލް ދަށްވެގެން ދިޔަ ސަބަބަކީ ޖިސްމާނީ ގޮތުން ވެސް އަދި ނަފުސާނީ ގޮތުން ވެސް އަހަރެން ވަރުބަލިވުމުން،" ޖޮކޮވިޗް ބުންޏެވެ.