ބީއެމްއެލްގެ އެހީއާއެކު ބޮޑުފޮޅުދޫގައި މަސްކަނޑާ ތަނެއް
ބީއެމްއެލްގެ އެހީއާއެކު ބޮޑުފޮޅުދޫގައި މަސްކަނޑާ ތަނެއް

އއ. ބޮޑުފޮޅުދޫގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މަސް ކަނޑަން ހާއްސަ ތަނެއް ހަދައިފި އެވެ.

ދުވާލާއި ރޭގަނޑުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ މި ޕްލެޓްފޯމް އެއްފަހަރާ އަށް މީހުންނަށް ބޭނުން ކުރެވޭއިރު، މަސް ކަނޑާ ޖާގައެއްގެ އިތުރުން މަސް ކަނޑަން ބޭނުންކުރާ ތަކެތި ރައްކާ ކުރާނެ ތަނެއް ވެސް ވަނީ ހަދައިފަ އެވެ.

އއ. ބޮޑުފޮޅުދޫގައި މަސް ކަނޑާ ތަނެއް ހެދުމަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅި "ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން" ގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ އެ ތަން ހެދީ އެއީ މަސްވެރިން ގިނަ ރަށަކަށް ވެފައި މަސް ކަނޑަން ހާއްސަ ތަނެއް ނެތުމުން އާއްމުންނަށް ދަތިވާތީ ކަމަށެވެ.

"ބޮޑުފޮޅުދޫ އަކީ މަސްވެރިން ގިނަ ރަށެއް. މި ރަށަށް ތާޒާ، ގަނޑުކުރެވިފައިވާ މަސް ވިއްކުމަށް ވެސް އެކި ދޯނި ފަހަރު އަންނާނެ. މަސް ކަނޑަން ހާއްސަ ސަރަހައްދެއް ނެތުމުން މަސް ކަނޑައި ސާފުކުރަން މީހުން އެއްވަނީ ބަނދަރު މައްޗަށް. ކުނި އުކާލަނީ މި ސަރަހައްދުގައި ބެހެއްޓިފައިވާ ޑަސްޓްބިންތަކަށް،" ނަސީމް ވިދާޅުވި އެވެ.

"މިހާރު ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މަސްވެރިންނާއި އާންމު ރައްޔިތުން ވެސް މި ސަރަހައްދު މަސްކެނޑުމަށް ބޭނުންކުރެވޭނެ."

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެންނެވެ. އެ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޖެކްޓެއް ހޮވައި އެ ޕްރޮޖެކްޓުތައް ހިންގަން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.