އަފްގާނުގެ މުހިންމު ރަށްތަކުގައި ހަނގުރާމަ ހޫނުވަނީ
އަފްގާނުގެ މުހިންމު ރަށްތަކުގައި ހަނގުރާމަ ހޫނުވަނީ

އަފްގާނިސްތާނުގެ މައި ރަށްތައް ހިފުމަށް ތާލިބާންގެ ހަނގުރާމަވެރިން ދޭ ހަމަލާތައް އެ ގައުމުގެ ދެކުނާއި ހުޅަނގު ސަރަހައްދުތަކުގައި ވަރުގަދަކޮށްފައިވާ އިރު، ތާލިބާނުންގެ ބާރު ފެތުރުނަ ނުދިނުމަށް އަފްގާނިސްތާނު ސަރުކާރުގެ ސިފައިން ދޭ ހަމަލާތައް އިއްޔެ އަނެއްކާ ވެސް ވަރުގަދަ ކޮށްފި އެވެ.

އަފްގާނުގެ މުހިންމު ރަށްތަކުގައި ހަނގުރާމަ ހޫނުވަނީ
އަފްގާނުގެ މުހިންމު ރަށްތަކުގައި ހަނގުރާމަ ހޫނުވަނީ

ދެ ފަރާތުގެ މެދުގައި އިއްޔެ އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރީ، ހުޅަނގުގެ ސަހަރެއް ކަމަށްވާ ހީރާތު އާއި ހިލްމަންދުގަ އެވެ. އޭގެ އިތުރުން، ކަންދަހާރުގެ ވަށައިގެންވާ ބައެއް އަވަށްތަކުގައި ވެސް ދެ ފަރާތުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވުނެވެ. އަފްގާނު ސަރުކާރު ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިއްޔެގެ ހަމަލާތަކުގައި ތާލިބާން ހަނގުރާމަވެރިންގެ 131 މީހަކު މަރައިލެވުނެވެ.

ތާލިބާނުންގެ ފަރާތުން ބުނި ގޮތުގައި އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ހަނގުރާމައިގައި، ހިލްމަންދު ޕްރޮވިންސްގެ ބޮޑު ސަރަހައްދެއް ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެނެވިފަ އެވެ. އަދި ތާލިބާނުންގެ ހަމަލާތަކުގެ ކުރިމަތީގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން، ސަރުކާރު ސިފައިންގެ ގިނަ ބަޔަކު ވަނީ ހަނގުރާމައިގެ މައިދާން ދޫކޮށް ފިލާފައި ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.

ޓުވިޓާ މެދުވެރިކޮށް އާންމު ކުރި ބަޔާނެއްގައި، ތާލިބާން ޖަމާއަތުގެ ތަރުޖަމާން ގާރީ އަހްމަދީ ބުނި ގޮތުގައި އިއްޔެގެ ހަނގުރާމަ މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ، ހިލްމަންދުގައި ތިބި އަފްގާނިސްތާނު ސިފައިންގެ ކޮމާންޑޯޒް ލަޝްކަރުގެ ސިފައިން ބަލިކޮށްލުމަށެވެ. އަދި އެ ސަރަހައްދަށް ކަނޑައަޅާފައި ހުރި ކޮމާންޑޯޒް ލަޝްކަރުގެ ކޮމާންޑަރު މަރައިލެވުނު ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.

އިއްޔެގެ ހަނގުރާމައިގައި، ހީރާތުގައި ހުންނަ އދ.ގެ އިމާރާތަކަށް ތާލިބާންގެ ހަނގުރާމަވެރިން ހަމަލާ ދިނުމުގެ ސަބަބުން، އެ ތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓަން ހުރި އަފްގާނިސްތާނު ފުލުހުންގެ މީހަކު މަރުވި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހީރާތު ޕްރޮވިންސްގެ ވަރަށް ގިނަ އަވަށްތައް މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. އޭގެ ތެރޭގައި ހީރާތުގެ ތެރެއިން އީރާންގެ ތެރެއަށް ހުރަސް ކުރެވޭ ދޮރޯއްޓާއި ހީރާތުގެ ތެރެއިން ތުރުކުމެނިސްތާނަށް ހުރަސް ކުރެވޭ ދޮރޯށި ވެސް ހިމެނެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހީރާތުގައި އިއްޔެ ހިނގި ހަނގުރާމައިގައި، އަފްގާނިސްތާނު ސިފައިންނަށް މަދަދުވެރި ވުމުގައި، އެމެރިކާގެ ވައިގެ ސިފައިން ބައިވެރިވި އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.